މޯލްޑިވިއަނުން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނެފި އެވެ.

ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި، އައިއޭއެސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ބޯޓުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އަބަދު ވެސް އެންމެ ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން އެ ކުންފުންޏަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރުއަރާފަދަ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގުކުރެވި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ފުރިހަމަ ޔަގީންކަން އެކުންފުނިން ވަނީ ދީފަ އެވެ.

އެފަދަ ކަންތައްތަކަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ގާތުން ބަލަމުންދާ ކަންތައްތައް ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ.

އައިއޭއެސްއިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ ސީޕްލޭންގެ ޕައިލެޓަކު ކޮކްޕިޓް ތެރޭގައި ސިނގިރޭޓް ބުއިކަމަށް ބުނާ ވީޑިއޯ އަކާއި ސީޕްލޭން ދަތުރުކުރަމުން ދަނިކޮށް ދެ އިންޖީނުގެ ތެރެއިން އެއް އިންޖީން ނިއްވާލި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވެފައިވެ އެވެ.