ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ޢިމާރާތްކުރެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ދިވެހިރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމާއި އެ ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރު ފަތުރުގެ ޚަރަދު ބޮޑުވުމެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން މި މައްސަލައަށް ޙައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ." އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރިއާއި ވަޒިފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ. މިގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމި، ޚިދުމަތް ދެވެން ފެށުމުން ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

"އަދި ހަމައެހެންމެ، މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިގްސޯދަށް އާރޯކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރެވުމަކީ މަސް ގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާއެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ޚާއްޞަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރެކެވެ. އަދި ރާއްޖޭގެ އުތުރުން ދުނިޔޭގެ މައި ޝިޕިންގ ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ޚިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް ރާއްޖޭގެ އުތުރުގައި ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތައް ތަންފީޒުކުރުމުގައިވެސް ހަނިމާދޫ އެއަރޕޯޓް ޒަމާނީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީވެގެން ދިޔުމީ މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ." އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު އެއް މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ގާއިމުކޮށް، އެ ސަރަޙައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދެވޭ މަޝްރޫއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެ ކަމަށެވެ. އަދި 2024 ގައި މަޝްރޫއު ނިމި އެއާޕޯޓްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.