މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެއް މިލިއަން ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާދަމާ ހެނދުނު ބާއްވާ ހާއްސަ ރަސްމިއްޔާތަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ނޫސްވެރިންނަށް ދައުވަތު ފޮނުވައިފަ އެވެ.

އެމްއެމްޕީއާރުސީން މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އެއް މިލިއަން ފަތުރުވެރިން ހަމަވުމަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޓޫރިޒަމްގެ ދާއިރާގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މިއީ އުފާވެރި މުނާސަބަތެއް، އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް 1 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް މިވަނީ އާދެވިފައި. މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި، ސްޓޭކްހޯލްޑަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން މި ކާމިޔާބީ ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މަސައްކަތް މިހާ ހިސާބުން ނިމުނީކީ ނޫން،" ތޮއްޔިބު ވިދާޅުވި އެވެ.

އެއް މިލިއަން ޓޫރިސްޓުން ހަމަވިޔަސް އެހާ ހިސާބުން މަސައްކަތް ނިމުނީ ނޫންކަން ފާހަގަ ކުރައްވަމުން ތޮއްޔިބު ވިދާޅުވީ ދުނިޔޭގެ އެންމެ މަގްބޫލު އެއް މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ރާއްޖެ އިޝްތިހާރުކުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ގެ ނިޔަލަށް 136،828 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ 22 މާކެޓެއްގައި 260 ހަރަކާތެއް ހިންގާފަ އެވެ. މީގެ ތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފަ އެވެ. އަދި ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފަ އެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއް ކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، "ވޯލްޑް ޓްރެވަލް އެވޯޑްސް" (ޑަބްލިއުޓީއޭ) 2021ގައި "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ.

މީގެ އިތުރުން ވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ.