ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ކޮމިއުނިޓީ ފަންޑު"ގެ ދަށުން ށ.މާއުނޣޫދޫ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މާއުނގޫދޫގައި މިމަޝްރޫއު ހިންގާފައިވަނީ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖްގެ ފަރާތުންނެވެ.

އެ ޖަމިއްޔާ އިން ވަނީ މާއުނގޫދޫގެ މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައިވެސް އިއާދަ ކުރަނިވި ހަކަތައިން ދިއްލޭ 25 ބައްތި ހަރުކޮށްފަ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖްގެ މެންބަރު މުހައްމަދު ޒާހިރު ވިދާޅުވީ މީގެ ކުރިން މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި މަޝްރޫއާ އެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށްވެ އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިއާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން،" މުހައްމަދު ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކޮށްފައިވާ ފަންޑެކެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތައް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށް ގެންދާ ފަންޑެކެވެ.