ޑިޖިޓަލް ބޭންކް އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށްފަހު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ޑިޖިޓަލް ބޭންކިން ހިދުމަތް ދިނުމަށް އެސްޓީއޯއިން މަސައްކަތްކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން ކުރަމުން އަންނަ ވިޔަފާރިތައް ފުޅާ ކުރުމުގެގޮތުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ގާއިމު ކުރުމަށް މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭއަށް ލައިސަންސް ހޯދަން ވެސް ހުށަހެޅި އެވެ. ނަމަވެސް އެކަމުގައި އެމްއެމްއޭއިން ވަނީ ބައެއް ކަންކަން ފާހަގަކޮށް ލައިސެންސް ނުދޭން ނިންމައި އެހުށަހެޅުން އަނބުރާ ފޮނުވާލި އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން އަމްރު ވިދާޅުވީ އެމްއެމްއޭއިން ފާހަގަކޮށްފައިވާ ކަންތައްތައް ރަނގަޅުކުރުމަށްފަހު ލައިސެންސަށް އެދި މިއަހަރު ފަހުކޮޅު ހުށަހަޅާނެ ކަަމަށެވެ. އަދި ލައިސެންސް ލިބޭތާ ހަ މަސްދުވަހުގެ ތެރޭގައި ޙިދުމަތް ދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ތައްޔާރީތަކެއް ވެފައި އޮތީ. އެމްއެމްއީ ބޭނުންވާ ބައެއް ކަންކަން ސާފުކޮށްފައި އަލުން ހުށަހަޅާނަން. އޭގެ ތިން މަސް ފަހުން ލައިސެންސް ލިބޭނީ، ލައިސެންސް ލިބޭތާ ހަ މަސްތެރޭ ޙިދުމަތް ދޭނެ ފެށޭނެ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ބޭންކިންގެ ދާއިރާއަށް ކުރީބައިގައި ވަނުމަކީ އެއިން ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. އެގޮތުން މި ހިދުމަތް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދިނުމަށް އެސްޓީއޯއަށް މަގު ފަހިވާނެކަން އަމްރު ފާހަގަކުރެއްވި އެވެ.

"އަމާޒަކީ ރާއްޖެއިން ބޭރުގައި ބޭންކިން ޙިދުމަތް ދިނުން. އެސްޓީއޯގެ ހުރިހާ މަސައްކަތެއް ވެސް މި ކުރަނީ ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ ފަދަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ދޭން ހަމަޖެހިފައިވާ ނަމަކީ "އިވޯލްވް" އެވެ.

ޑިޖިޓަލް ބޭންކް ނިޒާމަކީ މުޅި ނިޒާމު އެއްކޮށް އޮންލައިން ކުރެވިފައިވާ ބޭންކިން ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ދެވޭ ގިނަ ޙިދުމަތްތައް ދެވޭނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ.

މި ނިޒާމާއި އާއްމުކޮށް މިހާރު މި ބޭނުންކުރާ އޮންލައިން ބޭންކިން ޕްލެޓްފޯމްތަކާއި ހުރި އެންމެ ބޮޑު ތަފާތަކީ ޑިޖިޓަލް ބޭންކުގެ ހުރިހާ ކަމެއްވެސް އޮންލައިން ޕްލެޓްފޯމުގެ ތެރެއިން ކުރިއަށް ދާނެކަމެވެ.