ވިލާ ގްރޫޕުގެ ކުޑައިގެ ދަށުން ރާއްޖޭގައި ހިންގަމުންދާ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފައިވާ ލައިސަންސް ހިފަހައްޓުމާ ގުޅިގެން ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ ހިދުމަތް ހުއްޓިއްޖެ އެވެ.

އެމްއެމްއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް އެ އޮތޯރިޓީން ދޫކޮށްފައިވާ، ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަކި ގޮތެއް އަންގަންދެން މި މަހުގެ 8 އިން ފެށިގެން ހިފަހައްޓާފައިވާ ކަމަށެވެ.

އެ ލައިސަންސް ހިފެހެއްޓި ސަބަބެއް އެމްއެމްއޭއިން ހާމަކޮށްފައިނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލައިސަންސް ހިފަހައްޓާފައި ވަނީ ބައެއް ކަންކަން ރަނގަޅުކުރުމަށް ވަގުތު ދިނުމުން ވެސް އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކޮށްފައި ނުވާތީ އެވެ.

ލައިސެންސް ހިފެހެއްޓުމާއި ގުޅިގެން ވިލާގެ ފަރާތުން ބުނީ، އެމްއެމްއޭ އިން ލައިސަންސް ހިފެހެއްޓީ ވެސްޓަން ޔޫނިއަންގެ ލޯކަލް އެޕްލިކޭޝަނަށް މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށެވެ.

ވިލާއިން ނެރެފައިވާ ބަޔާން

އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ހިދުމަތް ދިނުމަށް ފަށާނެ ކަމަށްވެސް ވިލާއިން ވަނީ ބުނެފަ އެވެ.

ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ އެޖެންޓަކީ އައިލެންޑް ފައިނޭންޝަލް ސާވިސް އެވެ.