ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރަން، ތިން އެއާޕޯޓްގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ތެރެއިން ތިން އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އެއް އާޕޯޓްގައި އެއާފީލްޑް ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަނެއް ދެ އެއާޕޯޓުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ވައިގެ ދަތުރުފަތުރުގެތެރެއިން އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ، ފްލައިޓް ދަތުރުތައް މަދުވުމެވެ. ލައިޓްތައް ހަރުކޮށް ނިމުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓުން ބުނެ އެވެ.

އެގޮތުން މިހާރު ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހދ. ކުޅުދުއްފުށީ އެއާޕޯޓްގަ އެވެ. އަދި ހއ. ހޯރަފުއްޓާއި ގދ. މާވަރުލަ އެއާޕޯޓްގައި ލައިޓް ހަރުކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.

ޓޫރިޒަމް ފުޅާވުމާއި، ޗުއްޓީ ދުވަސްވަރު އަތޮޅުތަކަށް ދަތުރުކުރާ މީހުން އިތުރުވުމާއި ގުޅިގެން، ވައިގެ ދަތުރުގެ ޑިމާންޑް ރާއްޖޭގައި ވަރަށް ބޮޑެވެ. އެއާޕޯޓްތަކަށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހުން ވެގެންދާނީ، ޓިކެޓް ނުލިބުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ ކަމަކަށެވެ.

އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފައްދަވާ ކުންފުނީގެ ހިދުމަތްތައް ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މި ވަގުތު އެ ކުންފުނިން އަންނަނީ އަތޮޅުތަކުގެ 12 އެއާޕޯޓްގެ ތެރެއިން ހަ އެއާޕޯޓެއް ހިންގުމާ ހަވާލުވެ، އެ މަސައްކަތްތައް ކުރަމުންނެވެ.