އުރީދޫގެ ތަސައްވަރާ އެއްގޮތުގެ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ ރާއްޖޭގެ މިނިސްޓަރުންގެ ވަފުދަކަށް ދައުވަތު ދީ، ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ބައްދަލުވުންތައް ބޭއްވުމުގެ މަގު ފަހިކޮށްދީފަ އެވެ.

އުރީދޫން ބުނީ މި ބައްދަލުވުންތަކަކީ އެ ކުންފުނިން އިސްނަގައިގެން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެއް ކަމަށެވެ.

މި ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވީ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާއި، އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި، އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ދުންޔާ މައުމޫނުގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުރީދޫގެ ދައުވަތަކަށް ގަތަރަށް ވަޑައިގެންނެވި މިނިސްޓަރުންގެ ވަފުދު ފޮޓޯއަކަށް ހުއްޓިގެން.

އެ ބައްދަލުކުރެއްވި ގަތަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ބުތައިނާ ބިންތު އަލީ އަލް ނުއައިމީއާއި، މިނިސްޓަ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝައިޚް ޑރ. ފަލިޙް ބިން ނާސިރު ބިން އަހުމަދު ބިން އަލީ އާލް ސާނީއާއި، މިނިސްޓަ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝައިޚް މުހައްމަދު ބިން އަލީ އާލް މަނާއީއާއި، މިނިސްޓަ އޮފް ކަލްޗާ، އާޓްސް އެންޑް ހެރިޓޭޖް، ޝައިޚް އަބްދުއްރަހުމާން ބިން ހަމަދު އަލް ސާނީ ހިމެނިވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގައި އުރީދޫގެ އިސް މެނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ޙުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން ރާއްޖޭގެ ގައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ގަތަރު ފައުންޑޭޝަންއާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އުރީދޫން ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން ގަތަރުގެ ގައުމީ ދާރުލް އާސާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާޓް ގެލަރީއާއި، ވޯކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕާފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ސަގާފީ ދާރުލްއާސާރުތައް ވަނީ ޒިޔާރަތްކޮށްފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ބައްދަލުވުންތަކާއެކު އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުމެވެ.