ދިރާގުން ކޯޕަރޭޓް މެމްބަޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް އަނެއްކާ ވެސް ނިންމައިފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ކުންފުނިން ބުނީ މިއީ ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ.

ދިރާގުގެ މި އިސްނެގުމާއެކު އާކުރެވުނު މެމްބަޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީކުރުމަށް އެހީތެރިކަން ލިބިގެންދެ އެވެ.

ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ، ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރޭޓް މެމްބަޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ދިރާގުން ކޯޕަރޭޓް މެމްބަޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ދިރާގު

"ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ ދިރާގުގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ފަރާތުން އަރިސް ކުރަން. އަދި ދިވެހި ރެޑް ކްރެސެންޓު ގެ ކޯޕަރޭޓް މެމްބަޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް" މިރުޝާން ވިދާޅުވި އެވެ.

ދިރާގުގެ ކޯޕަރޭޓް މެމްބަރޝިޕްގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ނަފްސާނީ އިޖުތިމާޢީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަން އާއި ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

2018 ވަނަ އަހަރުން ފެށިގެން ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.