ރާއްޖެއިން އިންޑިއާއަށް އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލައިފި އެވެ.

މި ޑިއުޓީ ކަނޑާލާފައި ވަނީ ދިވެހި ސަރުކާރާއި، ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.

ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ ކަނޑާލާ، މަހުގެ އުފެއްދުންތަކަށް ހަމަ އަގުތަކެއް ހޯދައި ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް އައު މާކެޓްތައް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދެ އެވެ.

މިގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާއަށް އެކްސްޕޯޓްކުރުމަށް ނަގަމުން އައި ޑިއުޓީ އެއްކޮށް ކަނޑާލާފާފައިވަނީ މިމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ނަގަމުން އައި ޑިއުޓީ ސަފްޓާގެ އެހީގައި ކަނޑާއެލުވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އިންޑިއާގައި މާކެޓްކޮށް ރަނގަޅު އާމްދަނީއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެކަން މިނިސްޓަރު ވިދާޅުވި އެވެ.

"ސަފްޓާގެ ތެރެއިން މި ފުރުސަތު މި ލިބުނީ. މިއޮއްހާ ދުވަހު ސަފްޓާގެ އެ ފުރުސަތު އަޅުގަނޑުމެންނަށް އޮތީ ބޭނުން ނުކުރެވި. އެހެންކަމުން މި ދަތުރުފުޅު [އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅު]ގެ ތެރެއިން ފޯމިއުލައިޒް ވެގެން އެ ދިޔައީ. ދެން އޮތީ އިންޑިއާއިން މާކެޓް ހޯދުން. އެގޮތުން މިފްކޯއާއި ޕްރައިވެޓް ކުންފުނިތަކަށް ވިޔަފާރީގެ ރަނގަޅު ދޮރެއް މި ހުޅުވުނީ. އަޅުގަނޑުމެން އެ ފުރުޞަތު އެކުންފުނިތަކަށް ހޯދައިދޭނަން،" ފައްޔާޒް ވިދާޅުވި އެވެ.

އިންޑިއާއަށް މަސް އެކްސްޕޯޓްކުރުމުގައި ނަގަމުންއައި ޑިއުޓީ ކަނޑާލުމާއި ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ އިންޑިއާއިން ޑިއުޓީ ކަނޑާލުމުން އެ ފުރުޞަތުގެ ބޭނުން ހިފައިގެން މަހުގެ އުފެއްދުންތަކަށް އައު ފުރުސަތުތައް ހޯދަމުން އަންނާނެ ކަމަށެވެ.

"ރާއްޖޭގެ މަސް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި ޒީރޯ ޑިއުޓީއަށް ބަދަލުވުމުން، އެ ފުރުޞަތުގެ ބޭނުން ހިފައިގެން އައު ފުރުޞަތުތައް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ސަފްޓާ އަކީ، ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.

އެކްސްޕޯޓްކުރާ މަހުން މިހާރުވެސް 281 ޑޮލަރު މިފްކޯއަށް ގެއްލުންވަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. މަސްވެރިންނަށް ހަމައަގު ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެކްސްކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.