ދުބާއީގެ ޖުމެއިރާ ގްރޫޕް އިން ކުރިން ހިންގަމުން އައި "ޖުމެއިރާ ވިޓަވެލި" ރިސޯޓްއާ، ދިވެހި ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހަވާލުވެ، ރީބްރޭންޑް ކުރުމަށް ފަހު އަލުން ހިންގަން ފަށައިފި އެވެ.

ކ. ބޮލިފުށީގައި ހިންގާ މި ރިސޯޓް ތަރައްގީކޮށްފައިވަނީ އެޓްމޮސްފިއާއާ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ އިއޯން ރިސޯޓްސް އިންނެވެ. އެހެން ނަމަވެސް، މި އަހަރު ކުރީކޮޅު ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމާ ޖެހެންދެން އެ ރިސޯޓް ހިންގަމުން އައިސްފައި ވަނީ ޖުމެއިރާ އިންނެވެ.

އެޓްމޮސްފިއާ އިން މި ރިސޯޓްގެ ހިންގުމާ ހަވާލުވެފައިވާއިރު، އެ ރިސޯޓް އިއްޔެ އަލުން ހުޅުވާފައި ވަނީ "އޯޒެން ރިޒާވް ބޮލިފުށި"ގެ ނަމުގަ އެވެ. ރީބްރޭންޑް ކުރުމަށް ފަހު ރިސޯޓް އަލުން ހުޅުވުމުގެ ކުރިން، އެ ރިސޯޓްގެ ކޮޓަރިތަކާއި އެހެނިހެން ފެސިލިޓީތައް ވަނީ ވަރަށް ބޮޑު މަރާމާތުކޮށް، ބަދަލުތަކެއް ގެނެސްފަ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ބޮލިފުށި ރިސޯޓްގައި 89 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން، 3،500 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި، އިތުރު ތަނަކަށް ނުގޮސް ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ހަދާފައިވާ "ރޯޔަލް ރިޒާވް" ވެސް ހިމެނެ އެވެ. އަދި މި ރިސޯޓްގެ އަމިއްލަ ޔޮޓެއް ވެސް އޮވެ އެވެ.

އޯޒެން ރިޒާވްގެ ނަމުގައި ހުޅުވި ބޮލިފުށި ރިސޯޓުގެ ވޯޓާ ވިލާތަކެއް.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންތަކެއް ގުޅިގެން ހިންގާ އެޓްމޮސްފިއާ އިން އަންނަނީ ބޮލިފުށީގެ އިތުރުން ވެސް ރާއްޖޭގައި ފަސް ރިސޯޓެއް ހިންގަމުންނެވެ. އެގޮތުން، 2013 ވަނަ އަހަރު ތައާރަފްކުރި ބްރޭންޑުން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ، މާލެ އަތޮޅުގައި ހިންގާ ތިން ރިސޯޓް ކަމަށްވާ "އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ"، "އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި"، "އޮބްލޫ ސިލެކްޓް އެޓް ސަންގެލި" އަދި "ވަރު ބައި އެޓްމޮސްފިއާ"ގެ އިތުރުން، ޅ. އަތޮޅުގައި އޮންނަ "އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް" އެވެ. މީގެ ހަ އަހަރު ކުރިން ހުޅުވި ކަނިފުއްޓަކީ އެޓްމޮސްފިއާގެ ފުރަތަމަ ރިސޯޓެވެ.

ޖުމެއިރާ އިން ރާއްޖޭގައި ކުރިން ދެ ރިސޯޓް ހިންގި އެވެ. އެއީ ވިޓަވެލީގެ އިތުރުން، ގއ. އަތޮޅުގައި ހިންގި ޖުމެއިރާ ދެވަނަފުށި ރިސޯޓެވެ. އެ ރިސޯޓް 2018 ވަނަ އަހަރު ވިއްކާލާފައިވާއިރު، މިހާރު ޖުމެއިރާގެ އެއްވެސް ރިސޯޓެއް ރާއްޖެ އަކު ނެތެވެ.

ބޮލިފުށި ރިސޯޓް އަލުން ހުޅުވާފައި ވާއިރު، ބޮލިފުށި ހިންގުމާ ގުޅޭގޮތުން ދުބާއީގެ ޖުމެއިރާ މެނޭޖްމަންޓް ސާވިސް ކުންފުންޏާއި އިއޯން ރިސޯޓްސްއާ ގުޅުން އޮންނަ އެސްޕީއެޗް ކިޔާ ކުންފުންޏަކާ ދެމެދު 2008 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން އެސްޕީއެޗުން ބާތިލްކުރުމުން ސިންގަޕޫރު އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައާ ގުޅިގެން ރާއްޖޭގެ ހައި ކޯޓުން ވަނީ މިދިޔަ ހަފްތާގައި ވަގުތީ އަމުރެއް ނެރެފަ އެވެ.

ހުކުމުގައި ވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން ޖުމެއިރާއާ އެކު އެސްޕީއެޗުން މަޝްވަރާކުރި ކަން އެނގެން ނެތް ކަމަށެވެ. އަދި އެއްބަސްވުން ބާތިލް ކުރުމަށް ފަހު ޖެހިގެން އައި ދުވަހު އެހެން ކުންފުންޏަކާ އެކު އެސްޕީއެޗްއިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

އެކަމުގެ މައްޗަށް ބަލާއިރު، ޖުމެއިރާ ކުންފުނީގެ ހައްގުތައް ހިމާޔަތް ކުރަން ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ޖުމެއިރާއަށް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެހެންކަމުން ހައި ކޯޓުގެ ހުކުމުގައިވަނީ ސިންގަޕޫރު އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލަ ނިމެންދެން ނުވަތަ ހައި ކޯޓުން އެހެން ގޮތަކަށް އަންގަންދެން ރިސޯޓް ހިންގުމުގެ އެއްބަސްވުމުގެ ދަށުން ޖުމެއިރާއަށް ލިބޭ ހައްގުތައް ދެމެހެއްޓުމަށާއި އަދި އެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ނުކުރުމުގެ އިތުރުން އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން އޮތް ހާލަތަށް ބަދަލު ނުގެނައުމަށް އެސްޕީއެޗްގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.

އެހެން ނަމަވެސް، ރިސޯޓް ހުޅުވާފައި ވަނީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.