ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 74 ބިން ބީލަމުގެ އުސޫލުން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ވަނީ މިފަހަރު ވިއްކުމަށް ހުޅުވާލީ ބީޗް ފްރަންޓްގެ 22 ގޯއްޗާއި ބީޗް ސައިޑްގެ 52 ގޯއްޗެވެ. މިގޮތުން ބީލަން ފަށަނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް" އަކަފޫޓަކަށް 6،500ރ. އަދި އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" އިން އަކަފޫޓަކަށް 5،500ރ. އެވެ.

ކުރީ ފަހަރު ވިއްކީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯއްޗެވެ. މިގޮތުން ބީލަން ފަށަނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް" އަކަފޫޓަކަށް 3,900ރ. އަދި އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" އިން އަކަފޫޓަކަށް 3،500ރ. އެވެ.

އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސްޓަ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 74 ގޯތި ވިއްކުމަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫޢުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މީގެ އިތުރުން މި ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މި ފަދަ މަޝްރޫއުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމުގައި ފާހަގަކުރަން. މިގޮތުން މިފަހަރު ހުޅުވާލެވޭ ފުރުސަތުގައި އިސްކަމެއް ދެވިފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށް ކަމުގައި މި ފުރުސަތުގައި ފާހަގަކުރަން،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ވިއްކާނީ މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކަށް ކަމަށެވެ. އަދި މިގޮތުން ކޮންމެ ފަރާތަކަށް ވެސް ގަނެވޭނީ އެއް ބިން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމަށް އެދި އީމެއިލް މެދުވެރިކޮށް މިމަހުގެ 21 އިން ސެޕްޓެމްބަރު އެކެއްގެ ނިޔަލަށް ފޯމު ވިއްކާނެ އެވެ.

ބީލަން ފޯމަށް އެދިލެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރާނެ ގޮތް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ. ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 1000ރ އަށެވެ.

"ބީޗް ފްރަންޓް އަދި ބީޗް ސައިޑް ގެ ފޯމަކީ ވަކި ދެފޯމެއް. އީމެއިލް މުދުވެރިކޮށް ރަޖިސްޓަރީ ކުރާ ފަރާތްތަކާއި ފޯމް ހަވާލުކުރުމަށް މިކޯޕަރޭޝަނުން މުއާމަލާތު ކުރާނެ،" އެޗްޑީސީން ބުންޏެވެ.

މިފަހަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ބީޗް ފްރަންޓްގެ 22 ގޯއްޗާއި ބީޗް ސައިޑްގެ 52 ގޯއްޗެވެ. މިގޮތުން ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 11، 2022 ވާ އާދިއްތަ ދުވަހު އެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 12، 2022 ވާ ހޯމަ ދުވަހު އެވެ. މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 1،000،000. ރ އެވެ.

ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތަތައް:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  • މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ފަރާތަކަށްނުވުން.
  • މާލެ ސަރަހައްދުން ބިމެއް/ގޯއްޗެއް އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކެއްގެ ނަންމައްޗަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ، 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށްނުވުން.
  • އެ ކޯޕަރޭޝަން މެދުވެރިކޮށް ބީލަމުގެ އުސޫލުން ހުޅުމާލެ ފުރަތަމަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން. މި ހާލަތުގައި، މައިންބަފައިންގެ ފަރަތުންނާއި އެހެނިހެން ގޮތްގޮތުން ވާރުތަވާން ހުރި ބިންތަކެއް ނުހިމެނޭނެ.

ގޯތި ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:

  • ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ، ޖުމްލަ 74 ޕްލޮޓް.
  • ވިއްކުމަށް ހަމަޖެހިފައިވާ ބިންތަށް ހިމެނެނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް" 22 ޕްލޮޓް އަދި އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" 52 ޕްލޮޓް.
  • ކޮންމެ ފަރާތަކަށް ވެސް ގަނެވޭނީ 1 (ޕްލޮޓު.

ބީލަން ހުށަހެޅޭ އެންމެ ދަށް އަގު:

  • އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް" އަކަފޫޓަކަށް 6،500 ރ.
  • އަތިރިމައްޗާ ކައިރިން " ބީޗް ސައިޑް" އަކަފޫޓަކަށް 5،500ރ.

މީގެ އިތުރުން އެފަރާތަކުން ހުށަހަޅާ އަގަށް 6 ޕަސެންޓް ޖީއެސްޓީ އިތުރުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.