މިސަރުކާރުން ކުރިއަށް ގެންދަނީ އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ މަޝްރޫއުތަކެއްކަމަށާއި އެންމެ ހަލުވިކޮށް ކުރިއަރާ ފަސް އިގްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިހާރު ސޯސަލް ސެންޓަރުގައި ކުރިއަށްދާ އެމްޑީޕީ ހަތަރު ވަނަ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުގެ އިގްތިސާދީ ތަސައްވުރުގައި އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް އެބަހުރިކަމަށެވެ.

އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން ހިމެނޭކަމަށް މިނިސްޓާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ތާރީހުގައި ކުރިއަށްދާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވްޓީ ޕްރޮޖެކްޓްވެސް 2023 ވަނަ އަހަރު ނިމޭނެކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު މިއަދު ވިދާޅުވީ ކޮވިޑް-19 އާއެކު އާމްދަނީ ވަރަށް ބޮޑަށް ދަށްވި ކަމަށާއި އެހެން ނަމަވެސް ކުދި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ސަޕޯޓް ދިން ކަމަށެވެ. އަދި ސަޕޯޓްގެ ގޮތުގައި ދިން އެހީގެ ހިސާބެއްވެސް މިނިސްޓަރު ދެއްވި އެވެ.

އެގޮތުން 22،000 އަށްވުރެ ގިނަ މީހުންނަށް 421 މިލިއަން ރުފިޔާ ދިން އިރު އިރު 2133 ވިޔަފާރިއަކަށް 367 މިލިއަން ދިން ކަމަށެވެ. އަދި ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން 419 ވިޔަފާރިއަކަށް 578 މިލިއަން ރުފިޔާއަށް އެރި ކަމަށް އަމީރު ވިދާޅުވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރު އެންމެ ބާރަށް ކުރިއަރައިގެން ދިޔަ ފަސް އިގްތިސޯދުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުމާއި، ދަރަނީގެ ނިސްބަތް އިތުރުވެފައި އޮތުމުން ގައުމު ބަނގުރޫޓުވެދާނެކަމުގެ އިންޒާރު މާލީ އިދާރާތްތަކުން ދިން ނަމަވެސް ސަރުކާރުން ވަނީ އެ ރިޕޯޓުތައް ބަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ. އަދި މީޑީއާތަކުގައި އެ ވާހަކަތައް ދެކެވެން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަމީރު ވިދާޅުވީ އެފަދަ ހާލަތަކަށް ރާއްޖެ ނުދާނެ ކަމަށެވެ. އެކަމަކު ކޮވިޑު-19 ގެ ސަބަބުންނާއި، ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެކަން ފާހަގަ ކުރި އެވެ. އެހެންވެ، ބައެއް ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ވެސް ނެރުނެވެ.