ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރާ އަޅާ ބަލާފައި ބައެއް ފަތުރުވެރިކަމުގެ މާކެޓުތަކުން ރިކޯޑުތައް ހަދަމުން އަންނަ ކަމަށް ވިދާޅުވެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދާކަމަށް ބެލޭވޭފަދަ އުފާވެރި ޚަބަރު އެމަނިކުފާނު ދެއްވި އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވާ ގޮތުގައި މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފަސް ލައްކަ އަށް އަރާނެ ކަމަށް ބެލެވެނީ މި މަހުގެ 25 ގަ އެވެ.

އެމަނިކުފާނު ވަނީ މީގެ ތަފްސީލް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާ އިރު، މި އަހަރު މިސްރުން އައި ފަތުރުވެރިންގެ އަދަދު 40 އިންސައްތަ ކަޒަކިސްތާނުން އައި ފަތުރުވެރިންގެ އަދަދު 24.4 އިންސައްތަ، ރަޝިއާ އިން އައި މީހުންގެ އަދަދު ފަހެއް އިން ސައްތަ، ބްރެޒިލުން އައި ފަތުރުވެރިންގެ އަދަދު 2.9 އިންސައްތަ އަދި ޔޫކްރެއިނުން އައި ފަތުރުވެރިންގެ އަދަދު 2.9 އިންސައްތަ އިތުރު ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވި އަދަދުތަކުގެ އަސްލު ހިސާބުތަކަށް ދަމާ ހިނގާށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައިސްފައިވަނީ 137،921 ފަތުރުވެރިންނެވެ. މިނިސްޓަރުގެ ޓުވީޓުގައި އެ ފާހަގަ ކުރެއްވި ފަސް ގައުމުން ރާއްޖެ އަށް އައި ފަތުރުވެރިންގެ ޖުމްލައަކީ 10،845 އެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓަރު އެ "ބޫސްޓް" ވަމުންދާ ކަމަށް ވިދާޅުވި އިންސައްތައަށް ބަލާނަމަ މި ފަސް ގައުމުން ރާއްޖެއަށް އިތުރުވެފައިވަނީ މިދިޔަ އަހަރަށް ވުރެ އިތުރަށް 634 ފަތުރުވެރިންނެވެ. އެއީ އިޖިޕްޓުން 125 ފަތުރުވެރިން، ކަޒަކިސްތާނުން 64 ފަތުރުވެރިން، ރަޝިޔާއިން 409 ފަތުރުވެރިން، ބްރެޒިލްއިން 25 ފަތުރުވެރިން އަދި ޔޫކްރެއިނުން 11 ފަތުރުވެރިންނެވެ.

ދެން އޮތް ސުވާލަކީ މި ގައުމުތަކަކީ ރާއްޖެއަށް ކިހާވަރެއްގެ އޮކިއުޕެންސީ އެއް ހިއްސާ ކުރާ ގައުމުތަކެއްތޯ އެވެ؟

މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެއީ 49 ޕަސެންޓެވެ. ޔޫރަޕުން 833،904 މީހުން ރާއްޖެ އައި އިރު މިއީ 2018 ވަނަ އަހަރަށް ވުރެ 14.8 ޕަސެންޓުގެ ކުރި އެރުމެކެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އޭޝިޔާ ޕެސިފިކް ސަރަހައްދުން 705،117 ޓޫރިސްޓުން އައި އިރު އެއީ 2018 ވަނަ އަހަރަށް ވުރެ 13.5 ޕަސެންޓު އިތުރު އަދަދެކެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ 41.4 ޕަސެންޓު ހިއްސާކުރަނީ މި ސަރަހައްދުން އަންނަ ޓޫރިސްޓުންނެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތަކަކީ ޗައިނާ އިޓަލީ ޖަރުމަނުވިލާތް އިނގިރޭސިވިލާތް ފަދަ މާކެޓް ތަކެވެ.

އެހެންކަމުން ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑެތި މާކެޓްތަކުގެ ވާހަކަތައް ނުދައްކާ ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕެންސީގައި ފަހެއް އިން ސައްތަވެސް ހިއްސާ ނުކުރާ ގައުމުތަކެއްގެ ވާހަކަ ދައްކަވައިގެން ރައްޔިތުންނަށް ބޮޑު މަންޒަރު ދައްކަވަން އުޅުއްވުމުން އުފެދޭ ސުވާލުތައް ވަރަށް ގިނަ އެވެ.

މިޒަމާނަކީ ތަފާސް ހިސާބު އެންމެނަށް ވެސް ފެންނަން ހުންނަ ޒަމާނެވެ. އެ ހިސާބުތަކުން ވަރަށް ގިނަ ހަގީގަތް ހާމަވާނެ އެވެ. 1.7 މިލިއަން ފަތުރުވެރިންގެ ރިކޯޑެއް ގާއިމްކޮށްފައިވާ ގައުމަކުން 600 އެއްހާ ފަތުރުވެރިން އިތުރުވެގެން އެވާހަކަ ދެއްކީމާ ވަނީ ބޮޑު ޖޯކަކަށެވެ.