ރާއްޖޭގައި ހިންގާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފައި ވަނިކޮށް ސޮނެވާގެ ތިން ރިސޯޓަކުން ކްރިޕްޓޯ ކަރަންސީ ބޭނުންކުރަން ފަށައިފި އެވެ.

އެސް ހޮޓެލްސް އިން ކްރޮސްރޯޑްސް ގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫން އިން ކްރިޕްޓޯ ކަރަންސީ ބަލައިގަންނަ ކަން އިއުލާނުކޮށްފައިކުރުމުން އެމްއެމްއޭ އިން ބުނެފައި ވަނީ ކްރިޕްޓޯ ކަރަންސީގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ވެސް އެމްއެމްއޭން ވަނީ ކްރިޕްޓޯ ކަރަންސީ ގަނެ ވިއްކުމާއި އެއިން މުއާމަލާތުކުރުމަކީ މަނާ ކަމެއް ކަން އިއުލާންކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ އިންޑިއާ ނަސްލުގެ މިލިއަނަރު ސޯނު ސިވްދަސާނީ ރާއްޖޭގައި ހިންގާ މަތީ ފެންވަރުގެ ތިން ރިސޯޓު ކަމަށްވާ ސޮނޭވާ ފުށި، ސޮނޭވާ ޖާނީ، ސޮނޭވާ އިން އަކުއާ އަދި ތައިލެންޑްގައި އެ ކުންފުނީގެ ސޮނެވާ ކިރިގައި ވެސް ކްރިޕްޓޯ ކަރަންސީ ބޭނުންކުރަން ފަށާފައިވާ ކަމަށް ބިޓްކޮއިނިސްޓް ޑޮޓްކޮމް ގައި ބުނެފައިވެ އެވެ. އެ ތިން ރިސޯޓުން ފައިސާގެ ބަދަލުގައި ގަބޫލުކުރަން ނިންމާފައި ވަނީ ކްރިޕްޓޯ ކަރަންސީގެ ގޮތުގައި ހިމެނޭ ބިޓް ކޮއިން އާއި އެތުރިއަމް އެވެ.

ސޮނެވާގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ޑެޕިއުޓީ ސީއީއޯ ބްރޫސް ބްރޮމްލީ ވިދާޅުވީ ސޮނެވާގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އައީ ހޮސްޕިޓަލިޓީ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ ފަރާތަކަށް ވުމަށެވެ.

"ކްރިޕްޓޯކަރަންސީ ޕޭމަންޓް މެތަޑެއްގެ ގޮތުގައި ބަލައިގަތުމަކީ އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ ޓޫރިސްޓުންނަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޕޭމަންޓް ހެދުމަށް ފަސޭހަކޮށްދޭ ގޮތުގެ އަނެއް މިސާލު،" އޭނާ ވިދާޅުވެފައިވެ އެވެ.

ކްރިޕްޓޯކަރަންސީ ޕޭމަންޓް ސޮލިއުޝަންތަކުގެ ލައިސަންސް ލިބިފައިވާ ޕްރޮވައިޑަރެއްގެ ގޮތުގައި ހިމެނޭ ޓްރިޕްލް އޭ އިން ވަނީ ސޮނެވާގެ ޓޫރިސްޓުންނަށް ކްރިޕްޓޯ ރިސްކް ފްރީ ބޭނުންކޮށްގެން ވަގުތުން ފައިސާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

ކްރިޕްޓޯ ކަރަންސީއަކީ އެއްވެސް ބައެއްގެ ކޮންޓްރޯލެއް އޮންނަ ފައިސާއެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ޑިޖިޓަލް ފައިސާއަށް އޮތް ޑިމާންޑް ބޮޑުވެ، އަގުތައް އަންނަނީ އުފުލެމުންނެވެ.