އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ އެ ގަވައިދުގެ ދަށުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތަކުގެ އަގުތައް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އަލަށް ގެޒެޓްކުރި ގަވައިދުގެ ދަށުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތަކުގެ އަގުތައް ކަނޑައަޅައި މިހާރު ވަނީ އާންމުކޮށްފަ އެވެ. އަދި، އެ އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އާ ގަވައިދު ގެޒެޓުކުރުމާ އެކު، 2017 ގައި އެކުލަވާލައި އަމަލުކުރަމުން ދިޔަ "އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވައިދު" އަދި އެ ގަވައިދަށް ގެނެސްފައިވާ ހުރިހާ އިސްލާހެއް ވަނީ ބާތިލްވެފަ އެވެ.

އާ ގަވާއިދުގެ ދަށުން ނަގާ އަގުތައް:

  • 750 ކިލޯއިން ދަށުގެ އުޅަނދުތައް: ގަޑިއިރަކަށް 150 ރުފިޔާ
  • 750 ކިލޯއާއި 2 ޓަނާ ދެމެދުގެ އުޅަނދުތައް: ގަޑިއިރަކަށް 200 ރުފިޔާ

މިއީ ކުރިން ނަގަމުން އައި އަގުތަކާ އަޅާބަލާއިރު 10 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އިތުރުވުމެކެވެ.

މުދާ އުފުލާ އުޅަނދަކަށް، މުދާ އުފުލުމުގެ ހިދުމަތަށް ނެގޭނެ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ އަގު، އުޅަނދުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނެހެން އުޅަނދުގެ ތެރޭގައި ބަހައްޓާފައި ހުންނަން ޖެހޭނެ ކަމަށް ވެސް އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން، އުޅަނދުގައި މުދަލާއި ތަކެތި އުފުލާނެ ގޮތް ވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން، މުދާ އަރުވައި ބާލަން މަޑުކުރާ އެއްވެސް އުޅަނދެއް މަގަކަށް ނުވަތަ ގޯޅިއަކަށް ލަނބާލާ ކަންމަތީގައި، މަގުގެ މެދަށްވާ ގޮތަށް ނުވަތަ އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މަގުމައްޗަށް މަޑުކުރުމަކީ މަނާކަމެކެވެ. އަދި، ގުދަނަކުން އުޅަނދަށް މުދާ އަރުވައި ބާލަން ވާނީ، ގުދަނުގެ އެތެރޭގައި ބާއްވައިގެން ނުވަތަ މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާ ގޮތަށް އުޅަނދު ބާއްވައިގެން މުދާ އަރުވާ، ހުސް ކުރުމަކީ ވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

އޭގެ އިތުރުން ބައިސްކަލާއި ހަމައެކަނި ދެ މީހުންނަށް އެރޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުގައި މުދާ އުފުލޭނީ އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް ލައިގެންނެވެ.

މުދާ އުފުލާ އުޅަނދު ކަމުގައި ބުނެފައި ވަނީ، C0 އާއި C1 އާއި C2ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެވެ. އެއީ ޕިކަޕާއި ލޮރީ ފަދަ ބޮޑެތި އުޅަނދުތަކެެވެ.ގަވައިދު ބުނާ ގޮތުން، އުޅަނދުގެ ރަޖިސްޓަރީގައި އެ އުޅަނދެއްގައި އުފުލޭނެ ކަމަށް ކަނޑައަޅާފައިވާ ބަރުދަން، އުޅަނދުގެ ދެ ފަރާތުގެ ކުރީ ދޮރުފަތުގައި ލިޔެފައި އޮންނަން ޖެހޭނެއެވެ. އެ ބަރުދަނަށް ވުރެ އިތުރަށް މުދާ އުފުލުމަކީ މަނާކަމެކެވެ.