މިއަހަރުގެ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ނިއު މިލޭނިއަމް ކޮންސެޕްޓް އިން އިންތިޒާމްކޮށްގެން ބާއްވާ މި ފެއާ އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ގެ ނިޔަލަށް މީރުމާ އިވެންޓްސް ހޯލްގަ އެވެ.

މި ފެއާރގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުالله މައުސޫމް އެވެ.

މިއީ ރާއްޖޭގައި ބޭއްވޭ މި އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާގެ 6 ވަނަ އެޑިޝަނެވެ. މި ފެއާ މެދުވެރިކޮށް ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޔުނިވާސިޓީ، ކޮލެޖް، އަދި ޕޯސްޓް ސެކަންޑަރީ ތަޢުލީމުދޭ މަރުކަޒުތަކުގައި ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކާއި ޕްލޭސްމަންޓް ފުރުޞަތުތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން ދިރާގުން މުޅި ފެއާގައި ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދޭނެ އެވެ. އަދި ދިރާގުން އަބަދުވެސް ދަނީ ދިވެހިރާއްޖޭގެ އެޑިއުކޭޝަން ދާއިރާ ކުރިއަރުވާ ޒުވާނުންނަށް އިތުރު ފުރުޞަތުތައް މަގުފަހިވާނެ ތަފާތު މަސައްކަތްތަކަށް އެއްބާރުލުންދެމުންނެވެ.