ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް (އެއްލައިދޫ މަނިކު) އަށް ކުއްޔަށް ދީފައިވާ އއ. މާގާ ހެދުމުގެ މަސައްކަތަށް ނަގާފައިވާ ލޯނެއް ނުދައްކައިގެން، އެ ރަށް ވިއްކާލަން އިއުލާންކޮށްފި އެވެ.

ހަބީބް ބޭންކުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ޖުމްލަ 2.8 ހެކްޓަރުގެ މި ރަށް ވިއްކާލުމުގެ ނީލަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ނީލަން ހުޅުވުން އޮންނާނީ 20 ވަނަ ދުވަހު އެވެ. ނީލަން ފެށޭ އަގަކީ 4.25 މިލިއަން ޑޮލަރެވެ.

ހަބީބް ބޭންކުން ބުނީ، ނީލަން ހުށަހަޅާއިރު އަނބުރާ ނުލިބޭ ގޮތަށް 5000 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ނީލަން ކާމިޔާބުކުރާ ފަރާތަކުން ހުށަހަޅާ އަހުގެ 10 އިންސައްތަ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އަދި ބާކީ ބައި ފެބްރުއަރީ 3 ގެ ކުރިން ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށް ވެސް އިއުލާންގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން، މި ރަށުގެ ލީސް މުއްދަތުގައި އަދި ބާކީ 44 އަހަރު އެބައޮތެވެ. އެހެންކަމުން، މިހާރުގެ ލީސް މުއްދަތު ހަމަވާނީ 2064 ވަނަ އަހަރު އެވެ.

އެނގިފައިވާ ގޮތުގައި، މި ރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް ފަށައި ގިނަ މަސައްކަތްތަކެއް ކޮށްފައިވިޔަސް މީގެ ދެ އަހަރު ކުރިން އެ ރަށުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.