މި އަހަރުގެ އެފްއެޗްއޭއެމް – ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށްދާނީ 28-30 އޮގަސްޓް 2022 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ.

މި އިންޓަނޭޝަނަލް އެގްޒިބިޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެ އެވެ. އަދި މި އެގްޒިބިޝްންއަކީ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.

އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 75 އަށްވުރެ ގިނަ ރިސޯޓު ތަމްސީލުކުރާ 30 އަށް ވުރެ ގިނަ ގައުމުގެ ޝެފުން ގެ ބައިވެރިވުމާއެކު ބާއްވާ މުބާރާތެކެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު، ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދިނުމަށެވެ.