އެއާ ސީޝެލްސް އާއި ކަޒަކިސްތާންގެ އެއާ އާސްތާނާ އިން ރާއްޖެ އަށް ދަތުރުތައް އިއްޔެ ފަށައިފި އެވެ.

އިއްޔެ ފެށިގެން ކުރިއަށް އޮތް ހަ ހަފްތާގެ މުއްދަތަކަށް އެއާ ސީޝެލްސް އިން، ދެކުނު އެފްރިކާގެ ޖޮހެނެސްބާގުން ރާއްޖެ އާއި ދެމެދު ހަފްތާއަކު ދަތުރެއް ކުރާނެ އެވެ. އެ އެއާލައިންގެ ފުރަތަމަ ދަތުރުގައި 30 ފަސިންޖަރަކު ރާއްޖެއަ އެވެ.

ޖޮހަނެސްބާގުން ހުކުރު ދުވަހު ފުރާ ފްލައިޓް ސީޝެލްސްގައި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ ހޮނިހިރު ދުވަހު އެވެ. އަދި އެނބުރި ދާ ފްލައިޓް ރާއްޖެ އިން ފުރާނީ ހޮނިހިރު ދުވަހު އެވެ. މި ދަތުރުގައި ވެސް ސީޝެލްސްގައި މަޑުކުރާނެ އެވެ.

އެއާ އަސްތާނާގެ ފުރަތަމަ ފްލައިޓް ވެސް އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފަ އެވެ.

ކަޒަކްސްތާންގެ އެއާ އާސްތާނާ އިން ރާއްޖެ އައި ފުރަތަމަ ފްލައިޓުން ފަސިންޖަރުން ފައިބަނީ. ފޮޓޯ: އެމްއޭސީއެލް

އެއާ އަސްތާނާ އިން ހަފްތާއަކު ދެ ދަތުރު ރާއްޖެ އަށް ކުރާނެ އެވެ. އެގޮތުން، ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހަކު ފްލައިޓެއް އޮންނާނެ އެވެ. މި ފްލައިޓްތަކުގައި ބޭނުންކުރަނީ، އެ އެއާލައިނުން މުޅިން އަލަށް ގެނެސްފައިވާ އެއާބަސް 321 އެލްއާރު މަރުކާގެ ބޯޓެކެވެ.

އެ އެއާލައިންގެ ފުރަތަމަ ދަތުރުގައި ވެސް 156 ފަސިންޖަރުން ރާއްޖެ އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވި ފަހުން ގިނަ އަދަދެއްގެ އެއާލައިންތަކުން ވަނީ ރާއްޖެ އަށް ދަތުރު ފަށާފަ އެވެ. އަދި ކުރިއަށް މި އޮތް ކްރިސްމަސް އަދި ނިއު އިޔާ ޗުއްޓީއާ ދިމާކޮށް، ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެ އަށް އުދުހޭ ފްލައިޓްގެ އަދަދު ވެސް އިތުރުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 462،474 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 70 ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވީ، ޖުލައި 15ގައި ބޯޑަރު ހުޅުވުމަށްފަހު ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިމަހުގެ 16ގެ ކުރިން 100،000 ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. އަދި މިއަހަރުގެ އަމާޒަކީ ޑިސެމްބަރު 25ގެ ކުރިން 500،000 ޓޫރިސްޓުން ގެނައުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.