ރައްޔިތުންގެ އަތުން ނަގާ ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ޓޫރިޒަމާބެހޭ ގާނޫނަށާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށެވެ. އެގޮތުން ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ނަމަވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ލަފާދީފަ އެވެ.