ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ އެކްސްޕޯ، ފުޑް އެންޑް ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ އެންމެ ފޯރި ގަދަ ހަރަކާތް، ކަލިނަރީ ޗެލެންޖު މިއަދު ފަށައިފި އެވެ.

500 އަށް ވުރެ ގިނަ ޝެފުން ބައިވެރިވާ މި އެގްޒިބިޝަން ފަށްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއަހަރުގެ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ 28އިން 30 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މިއީ ސެންޓްރަލް ޕާކުގައި މި އެގްޒިބިޝަން ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އަދި މިއީ ދިވެހި އެކްސްޕޯ ސާވިސަސް އާއި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ އެގްޒިބިޝަން އެވެ.

މިއަހަރުގެ އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ރާއްޖޭގެ 80 ރިސޯޓަކުން 700 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. އަދި އެފްއެޗްއޭއެމް އެގްޒިބިޝަންގައި 100 އެގްޒިބިޓަރުން ވަނީ ބައިވެރިވެފަ އެވެ.

މި އިންޓަނޭޝަނަލް އެގްޒިބިޝަންގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލާނެ އެވެ. އަދި މި އެގްޒިބިޝްންއަކީ ގިނަ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ވެސް ލިބޭ ގޮތަށް ބާއްވާ ފެއާއެކެވެ.

ކަލިނަރީ ޗެލެންޖުގައި މި އަހަރު އާ ކެޓަގަރީއެއް ވެސް ވަނީ ހިމަނައިފަ އެވެ. އެ ކެޓަގަރީ އަކީ "ބެސްޓް އެސްޓެބްލިޝްމެންޓް" ކެޓަގަރީ އެވެ. އެ ކެޓަގަރީގައި 11 ރިސޯޓަކުން ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ ވެސް އެ ޗެލެންޖުގެ މެއިން ސްޕޮންސަރަކީ ނެސްލޭ އިންޓަނޭޝަނަލް އެވެ. އެ ޗެލެންޖުގެ އެންމެ މޮޅު ޝެފުގެ މަގާމު ކާމިޔާބުކުރާ ޝެފަށް 100،0 ޑޮލަރުގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން، ކެއްކުމާ ގުޅުން ހުރި ބައިނަލްއަގުވާމީ އެކި ޓްރެއިނިން ރާއްޖެއިން ބޭރުން ހެދުމުގެ ފުރުސަތު ވެސް ވަނަވަނަ އަށް ދާ ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ރާއްޖޭގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެކެވެ. އެފްއެޗްއޭއެމް އެގްޒިބިޝަން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 7 އަށެވެ. އެގްޒިބިޝަންއަށް ވަނުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.