ބޭންކް އޮފް މޯލްޑިވްސް އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީ އަށް ހާއްސަ ވޯޑެއް ގާއިމްކުރުމުގެ އެއްބަސްވުމެއަގައި ސޮއިކޮށްފި އެވެ.

މިއަދު ބީއެމްއެލްގައި ބޭއްވި ހަފްލާއެއްގައި އެއެއްބަސްވުމުގައި އެބޭންކްގެ ފަރާތުން ސޮއު ކުރެއްވީ އިންޗާޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން އެވެ. އަދި އައިޖީއެމްއެޗް ގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.

ބީއެމްއެލްއިން ބުނީމިއީ އަންނަ ނޮވެންބަރު މަހު ފާހަގަކުރާ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖައްސާފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.

މި ޕްރޮޖެކްޓް ހިންގުމަށް އެ ބޭންކުން 3.5 މިލިއަން ރުފިޔާ ހަދިޔާ ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މިއަދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ އެކްޓިން އެމްޑީ އާއިސަތު ނޫރައްދީން ވިދާޅުވީ ބޭންކްގެ އެހީގައި ގާއިމްކުރެވިގެންދާ މިވޯޑުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި. މިގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިންމު ކަމަކަށް. މި ޕްރޮޖެކްޓްގެ އެހީގައި ކެންސަރ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑުގެ މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިއުން،" އާއިސަތު ނޫރައްދީން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވަނީ ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމަށްޓަކައި ބީއެމްއެލްއިން ދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

"މި އެހީގެ ސަބަބުން ބަލިމީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ. ކެންސަރ ބަލީގެ ފަރުވާ ބޭނުންވެފައިތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް." އިބްރާހިމް ސަލީމް ވިދާޅުވި އެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުމާއި، ބީއެމްއެލް ފެހި ޕްރޮޖެކްޓް، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން، ސްމޯލް ގްރާންޓްސް، ހައުސިންގ ގްރާންޓް، ބީއެމްއެލް ސްޓާރޓަޕް ގްރާންޓް، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން އަދި ބީއެމްއެލް ސްކޮލާޝިޕް ފަންޑު ހިމެނެ އެވެ.