ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގި ޑޭޓާ ލިޓްރަސީ ޕްރޮގްރާމް "ގާރލްސް އިން ޑޭޓާ" ނިންމާލައިފި އެވެ.

ދިރާގުން ބުނިގޮތުގައި މިޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ހަފްލާގައި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެކުދިން ޕްރޮގްރާމްގައި ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓްތައް ހުށަހަޅާފަ އެވެ. 10 އަހަރާއި 13 އަހަރާއި ދެމެދުގެ 25 ކުދިން މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ. 28 މެއި 2022 ވަނަ ދުވަހުން ފެށިގެން ދޮޅު މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދެވުނު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި އެކި އެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ދަސްކޮށްދިން ކަމަށް ވެސް ދިރާގުން ބުނެ އެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ލައިބްރަރީއަށް ޒިޔާރަތްކޮށް ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ބައިވެރިން ފުރިހަމަކުރި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ހޮނިހިރު ދުވަހު ހަވީރު ބޭއްވުނު މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ،މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ކުދިންގެ ޅަ އުމުރުގައި ވެސް މި ފަދަ ދާއިރާއަކަށް ލޯ ހުޅުވި، މިއީ ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ގަބޫލުކުރެވި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދުކަމަށެވެ. އަދި މުސްތަގުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިކަމުގައި ވީނަމަވެސް ޑޭޓާ ސައިންސް އަދި ޑޭޓާ އެނެލެޓިކްސް އަކީ މިހާރު ވަރަށް މުހިންމު ހުނަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބޭއްވި "ގާލްސް އިން ޑޭޓާ" ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދިރާގު

ޕްރޮގްރާމްގެ ޒަރީއާއިން ބައިވެރިންނަށް އައު ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބެގެން ދިޔަކަމަށާއި ޑޭޓާ ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔަކަމަށް އުންމީދުކުރާކަމަށް ވިމެން އިން ޓެކްގެ ނާއިބު ރައީސާ މަރިޔަމް އަސްނާ ވިދާޅުވި އެވެ. އަދި ޕްރޮގްރާމްގައި ދަސްވި މަޢުލޫމާތާއި ދަސްވި ކަންތައްތަކުގެ އެހީގައި މިދާއިރާއިން ކުރިއަށް ދިޔުމަށް އޭނާ ގޮވާލި އެވެ.

މިޕްރޮގްރާމްގެ ސަބަބުން ޑޭޓާ ސައިންސްގެ ދާއިރާއަށް ލޯހުޅުވި މިދާއިރާއިން މުސްތަގްބަލުގައި ކާމިޔާބުކަމާއެކު ކުރިއަށް ދެވިދާނެ ކަމަށް ޕްރޮގްރާމްގެ ބައިވެރިން ހިޔާލުފާޅުކުރި އެވެ. ޕްރޮގްރާމްގައި ޑޭޓާ ޕްރޮސެސިންގގެ މުހިއްމުކަން ދަސްވެގެން ދިޔަކަމަށާއި އެކަމަށް ބޭނުންކުރާ އެކިއެކި ޓޫލްތަކުގެ މަޢުލޫމާތު ލިބިގެން ދިޔަކަމަށް ބައިވެރިން ބުނެއެވެ. އަދި ގަރލްސް އިން ޑޭޓާ ޕްރޮގްރާމަކީ ޑޭޓާ ދާއިރާ މިއީ އަންހެން ކުދިންނަށް ވެސް ރަނގަޅު ދާއިރާއެއްކަން އަންގައިދިން ޕްލެޓްފޯމެއްކަމަށް އެއް ބައިވެރިއަކު ފާހަގަކުރި އެވެ.

މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓަރެސީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރެވެ.

ދިރާގުން ބުނިގޮތުގައި މި ސީރީސްގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފަ އެވެ. 2019 އިން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ޓެކްނޮލޮޖީ ގެ ދާއިރާގައި ބާރުވެރިކުރުމަށް ، ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާރލްސް ޓު ކޯޑްގެ ނަމުގައި އަހަރީ ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.