މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ހަދާފައިވާ ޓޫރިސްޓު ހޮޓެލް ހިންގަން ދިހަ އަހަރަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ޔުނިވާސިޓީގެ ދަށުން ހިންގާ ކުންފުނި، ޔުނިވިޔަ ހޮލްޑިން ޕްރައިވެޓް ލިމިޓެޑުން އެ ހޮޓެލް ހިންގަން ހަވާލުކުރީ މަޝްހޫރު ރާނބާ ރެސްޓޯރަންޓާއި ހުޅުމާލޭގައި މެންހަޓަން ފިޝްމާކެޓް ރެސްޓޯރަންޓް ހިންގާ ސިލްވާ ސްޕޫން ޕްރައިވެޓް ލިމިޓެޑާ އެވެ.

ހޮޓާ ހިންގުމުގެ އެއްބަސްވުމުގައި ޔުނިވިޔަ ހޮލްޑިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު އެވެ. ސިލްވަ ސްޕޫންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އިބްރާހިމް ނައީމެވެ.

ޔުނިވިޔަ ހޮލްޑިން އިން ބުނީ އެ ހޮޓަލުގެ ރެސްޓޯރަންޓާއި ބެންކުއެޓް ހޯލް އަދި 28 ކޮޓަރީގެ ހޮޓަލުގެ އެ ތިން ތަނުން ކޮންމެ ތަނަކުން މަހު ކުލި، އަދި ކޮންމެ ތިން މަހަކުން ޖުމްލަ އާމްދަނީ (ރެވެނިއު) ގެ 5.1 ޕަސެންޓް ނުވަތަ 384،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ދައްކަން ޖެހޭނީ ބޮޑު އަދެދެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޔުނިވިޔަ ހޮލްޑިން އިން ބުނީ ހޮޓާ ކުއްޔަށް ހިފުމުގެ އަޕް ފްރަންޓް ފީގެ ގޮތުގައި ފުރަތަމަ ތިން މަހުގެ ކުއްޔަށްވާ 600،000ރ. އެވޯޑް ލެޓަ ދޫކުރުމާއެކު ދައްކާފައިވާ ކަމަށެވެ. އަދި ސޮއިކުރުމާއެކު 500،000 ރުފިޔާގެ ޕާފޯމަންސް ގެރެންޓީއެއް ވެސް ސިލްވާ ސްޕޫން އިން ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޔުނިވިޔަ ހޮލްޑިން އިން ބުނީ އެ ހޮޓަލުގެ ރެސްޓޯރެންޓާއި ބެންކުއެޓް ހޯލް މިއަހަރު ނިމުމުގެ ކުރިން ހިންގަން ފެށޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި 28 ކޮޓަރީގެ ހޮޓެލްގެ އޮޕަރޭޝަން އަންނަ އަހަރުގެ ދެވަނަ ކްއާޓަރުގައި ފެށޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޔުނިވިޔަ ހޮލްޑިން އިން ބުނީ އެ ހޮޓެލް ހިންގަން ފެށުމުން ޔުނިވާސިޓީގައި ކިޔަވާ ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ހޮޓެލް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޔުނިވިޔަ

ކުރީގެ އެމްއީއެސް ކައިރީގައި ހުންނަ ގައުމީ ޔުނިވާސިޓީގެ މައި އިދާރާއާ ޖެހިގެން ހުންނަ ހޮޓަލުގައި 28 ކޮޓަރި ހުރެ އެވެ. އެ ކޮޓަރިތައް ހުންނަނީ އެ އިމާރާތުގެ 7 އަދި 8 ވަނަ ފްލޯގަ އެވެ. ލޮބީ އާއި ބެކް އޮފީސް، ރެސްޓޯރަންޓާއި ބަދިގެ އަދި ހުންނަނީ ގްރައުންޑް ފްލޯގަ އެވެ. އޭގެ އިތުރުން އެތަނުގައި ބެންކުއެޓް ހޯލަކާއި ރެސްޓޯރަންޓެއް ހުރެ އެވެ.

ޔުނިވިޔަ ހޮލްޑިން އިން ބުނީ އެ ހޮޓާ މަރާތުކޮށްގެން 3 ނުވަތަ 4 ތަރީގެ ފެންވަރުގެ ހޮޓަލެއްގެ ގޮތުގައި ހިންގިދާނެ ކަމަށެވެ.

އެ ހޮޓެލް ހިންގަން ބީލަމަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.