ޓޫރިޒަމް ގާނޫނުގެ ދަށުން ނަގަމުންދާ ގްރީން ޓެކްސް އަލުން ނެގުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ގްރީން ޓެކްސް ނެގުން މިހާރު ހުއްޓާލާފައިވާތީ، ދައުލަތަށް ލިބެން ޖެހޭ އާމްދަނީން ބޮޑު ބައެއް ލިބުން ވަނީ ހުއްޓިފަ އެވެ.

ގްރީން ޓެކްސް ނެގުން ހުއްޓުމަކަށް އައީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ތާރީހު އޮޅުމުގެ ސަބަބުންނެވެ. އެގޮތުން ސަރުކާރުން ގެޒެޓުކޮށްފައި މިހާރު އޮތް ގާނޫނުގައި ވަނީ ގްރީން ޓެކްސް ނަގަން ފަށަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ 1 ދުވަހުން ފެށިގެން ކަމަށެވެ.

މިފަހަރުގެ ބިލުގައިވާ ގޮތުން، ކުރީގެ އިސްލާހު ތަސްދީގުކޮށް، އަމަލުކުރަން ފެށި ޖުލައި 3 ވަނަ ދުވަހުން ފެށިން މިހާރު މި ހިނގާ މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާއެއް ނަގާފައިވާ ނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެ އެވެ.

މި ހިނގާ މުއްދަތުގައި ވެސް ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގަން، ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިސްޓް ހިދުމަތް ދޭ ތަންތަނަށް އަންގާފަ އެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، ޖުލައިން ފެށިގެން އަންނަ ޖެނުއަރީއާ ހަމައަށް ގްރީން ޓެކްސްގެ އާމްދަނީ ނުގެއްލި ދައުލަތަށް ލިބޭނެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރު ނަގަ އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރު އަންނަނީ ނަގަމުންނެވެ. ދައުލަތަށް ބޭރު ފައިސާއިން 4 ވަނައަށް އެންމެ ބޮޑު ޢާމްދަނީ ލިބެނީ ގްރީން ޓެކްސްގެ ގޮތުގަ އެވެ.

މިދިޔަ ޖުލައިމަހު އެކަނި ވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. މި ޓެކްސް މިހާރު ނަގަމުންދާ ރޭޓަށް ބަދަލު ގެނެސް ބޮޑެތި ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ރޭޓު ބޮޑުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސް ޖަމާކުރާ ފަންޑުގެ ޖުމްލަ އަދަދު ވަނީ 846 މިލިއަން ރުފިޔާއަށް އަރާފަ އެވެ. ގްރީން ޓެކްސް ނަގަން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.