ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީ (ސީއޭޕީއޭސީ) ގެޗެއާގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒް އިންތިޚާބުކޮށްފި އެވެ.

މެމްބަރު 40 ގައުމަކުން ބައިވެރިވެފައިވާ ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީއަކީ ކޮމަންވެލްތުގެ ގައުމުތަކުގެ ސަރުކާރުތަކުން ހިންގާ މާލީ ކަންކަމާއި، އަދި ސަރުކާރުތައް ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތައް ދެމެގަތުމަށްޓަކައި އެކުލަވާލާފައި ކޮމިޓީއެކެވެ.

މި ކޮމިޓީއަށް ނާޝިޒު އިންތިޚާބު ކޮށްފައި ވަނީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ގައުމުތަކުގެ ތާއީދާއެކު އެވެ.

ނާޝިޒަކީ މި ކޮމެޓީގެ ވައިސް ޗެއާގެ މަގާމު މިދިޔަ އަހަރު ފުރުއްވާފައިވާ ބޭފުޅާ ވެސް މެ އެވެ.

ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުތަކުން މާލީ ކަންކަމުގައި އަމަލުކުރަމުންދާ ގޮތް ބަލައި ހުރި މައްސަލަތައް ދެނެގަތުމަށް އުފައްދާފައިވާ މި ކޮމެޓީން އަހަރެއްގެ ތެރޭގައި ތިން ހަތަރު ވޯކްޝޮޕް އެކި ސަރަހައްދުތަކުގައި ބާއްވަމުންދެ އެވެ.

ސީއޭޕީއޭސީއަކީ 2015 ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ.