މާލޭގައި ދުއްވާ މިނީ ބަހުގެ ހިދުމަތުގެ އަގަށް 7ރ. ނަގަން ސަރުކާރުން ހަމަޖައްސައިފި އެވެ.

މާލެ އާއި އެހެން ރަށްރަށުގައި ބަހުގެ ހިދުމަތް ދޭން ހަމަޖައްސާފައި ވަނީ އެމްޓީސީސީ އެވެ. އެ ކުންފުނިން ވަނީ އެކަމަށް ހާއްސަކޮށް މިނި ބަސް ރާއްޖެ ގެނެސް ޓްރަޔަލް ދަތުރުތައް މިހާރު ފަށާފަ އެވެ.

ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާލޭގައި ދެ ހަފްތާއަށް ޓްރަޔަލް ދަތުރުތައް ކުރިއަށް ދާނެ އެވެ. އެ ދެ ހަފްތާގައި ދަތުރުތައް ހިލޭ ކުރެވޭނެެ އެވެ. އަދި ބަހުގެ ހިދުމަތް ހޯދާ ތިން އަހަރުގެ ދަށުގެ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ސްކޫލް ކުދިން ޔުނީފޯމްގައި ކުރާއިރު، ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މާލޭގައި މިނީ ބަސް ދުއްވާނެ ރޫޓުތަކާއި ބަސް ހުއްޓިތައް އަދި އެ ހިދުމަތާ ގުޅޭ ބައެއް މައުލޫމާތު ހިމެނޭ ވީޑިއޯއެއް ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެމްޓީސީސީން މާލޭގައި ދުއްވަން ގެނައި މިނި ބަސްތަކެއް ޓެސްޓަށް ދުއްވަނީ. ފޮޓޯ: އެމްޓީސީސީ

މި ހިދުމަތް ދިނުމާ ގުޅޭ ފަރާތްތަކުގެ ބައިވެރިވުމާ އެކު މިދިޔަ މަހު 20 އިން ފެށިގެން މިނީ ބަހުގެ ޓެސްޓު ބުރުތަކެއް ވަނީ ފަށާފަ އެވެ.

މިއަދު އާންމުކުރި ވީޑިއޯގައި ބުނާ ގޮތުން، މިނީ ބަހުގެ ޓިކެޓަކަށް ނަގާނީ 7ރ. އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން މަނާކުރުމާއި ބަސް ހުއްޓިތައް ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިދިޔަ މަހުގެ ތެރޭގައި ވަނީ ކޮށްފަ އެވެ. މިނީ ބަސް ދުއްވަން މައިގަނޑު ދެ ރޫޓެއް ކަނޑައަޅާފައި ވާއިރު، އެ ރޫޓުތަކުގައި ބަސް ހުއްޓާނެ ތަންތަން މިއަދު އާންމުކުރި ވީޑިއޯގައި ވަނީ ދައްކާލާފަ އެވެ.

ބަސް ދަތުރުކުރާ މަގުތަކަކީ:

  • މަޖީދީ މަގު އަމީނީ މަގު
  • އޯކިޑު މަގު
  • ބޮޑުތަކުރުފާނު މަގު

ކޮންމެ ރޫޓެއްގައި ވެސް 18 ތަނަކަށް ބަސް ހުއްޓާނެ އެވެ.

ރޫޓު 1ގެ ބަސް ހުއްޓިތައް ހުންނާނެ ތަންތަން:

  • ހެންވޭރު ދަނޑު ތެލެސީމިއާ ސެންޓަރު
  • ބިއްލޫރިޖެހިގެ
  • ސިޓީ ސްކޮޔާ
  • ޒިކުރާ މިސްކިތް
  • ލަގްޒަރީ ފިހާރަ
  • މާފަންނު ސަހަރާ
  • މާފަންނު މަދަރުސާ
  • ސޯޝަލް ސެންޓަރު (ބޮޑުތަކުރުފާނު މަގު)
  • ދަރުމަވަންތަ ހޮސްޕިޓަލް
  • އެންވަޔަރަމަންޓް މިނިސްޓްރީ
  • މާފަންނު ދަނޑު
  • މީރާ ޕާކިން
  • ރެހެންދި ފުލެޓު
  • މާލެ ހިޔާ ފުލެޓު
  • ކުޑަކުދިންގެ ބަގީޗާ
  • ދަރުބާރުގެ
  • ބީޗު ވޮލީ ކޯޓު

ރޫޓު 2ގެ ބަސް ހުއްޓިތައް ހުންނާނެ ތަންތަން:

  • ވެސްޓު ޕާކު މާފަންނު މަދަރުސާ
  • މާފަންނު ސަހަރާ
  • ފިނި ޕާކު
  • ލަގްޒަރީ ފިހާރަ
  • ސިޓީ ސްކޮޔާ
  • ބިއްލޫރިޖެހިގެ
  • ހީނާމާގެ
  • ހެންވޭރު ދަނޑު
  • ހެންވޭރު ފުޓްސަލް ގްރައުންޑު
  • ކާނިވަލް
  • ހުޅުމާލޭ ފެރީ ޓާމިނަލް
  • މަސްވެރިންގެ ޕާކު
  • ފަސް ނަންބަރު ޖެޓީ
  • ޖުމްހޫރީ މައިދާން
  • ޖަސްޓިސް ބިލްޑިން
  • އުފަންވެލި
  • ސަންފްރަންޓް ލައިޓް ފިހާރަ

މިނީ ބަސް ހިދުމަތް މާލޭގައި ދުއްވާނީ ޖުމުލަ 12 މިނީ ބަހެވެ. އެ ބަސްތަކުގެ ޖާގަ އަކީ 20 އެވެ. ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަވެސް ހުރެ އެވެ. އަދި މި ބަސްތައް ހުންނާނީ އެއާކޯން ކޮށްފަ އެވެ. ކޮންމެ 10 މިނެޓަކުން، ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.