ރިސޯޓު ތަރައްގީކުރުމަށް އެންމެ ފަހުން ހުޅުވާލި ރަށްތަކުގެ ތެރެއިން، ތިން ރަށެއްގައި ރިސޯޓު ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން 10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައި ވަނީ މިދިޔަ އަހަރުތެރޭ އެވެ. އެ ރަށްތަކުގެ ތެރެއިން މިދިޔަ އޭޕްރީލް މަހުގެ ބީލަން އެވޯޑުކޮށްފައި ވަނީ ފ. އެނބުލުފުށި، ފ. ޖިންނަތުގައު، ގދ. ކަނޑަހަލަގަލަ، މ. ސީދީ ހުރާގެ އިތުރުން ހއ. އަލިދުއްފަރުފިނޮޅެވެ.

ޓޫރިޒަމް މިނިސްޓްރީން، ފ. އެނބުލުފުށީގައި ރިސޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައި ވަނީ ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ. ފ. ޖިންނަތުގައު ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ އަކިރި ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ގދ. ކަނޑަހަލަގަލަ ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ ޕަޔަނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ރަށްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު ރިސޯޓުތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފަށަން ޖެހޭ ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދަންޖެހޭ ޓައިމްލައިނެއް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެ މަސައްކަތް ތާވަލާ އެއްގޮތަށް ނުދާ ނަމަ ޖޫރިމަނާތައް ވެސް ދައްކަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިއުލާންކުރި ރަށްތަކުގެ ތެރެއިން ބާކީ ހުރި ރަށްތަކާއި، އަދި އިތުރު ރަށްތަކާއެކު އަލުން ލިސްޓެއް ހެދުމަށްފަހު ރިސޯޓުތަރައްގީކުރުމަށް ރަށްތައް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ 50 ޕަސެންޓް ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަންމަންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީން ދީފައިވެ އެވެ. މި މުއްދަތު ހަމަވިއިރު، ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުންނެވެ. ފައިސާ ދައްކާފައިވާ ރަށްތަކަކީ، އެނބުލިފުށި، ޖިންނަތުގައު، ކަނޑަހަލަގަލަ، ސީދީ ހުރާ އަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިހަތަރު ރަށުގެ ތެރެއިން 3 ރަށެއްގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަަމަށެވެ. އަދި މ. ސީދީ ހުރާގެ އެއްބަސްވުމުގައި މިމަހުގެ މެދުތެރޭގައި ސޮއިކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.