އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޗެކު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައެޅުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭއިން ބުނީ ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި، ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ އެކްޝަން ޕްލޭނެއް މިއަހަރު އެކުލަވާލާފައިވާ ކަމަށެވެ.

އެ އެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމަކީ ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި އެމްއެމްއޭ ވަނީ ކަނޑައަޅާފަ އެވެ.

އެމްއެމްއޭއިން ބުނީ މީގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށެވެ.

އެމްއެމްއޭއިން ބުނީ މި ނިންމުމަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިކަމާ ގުޅިގެން ގެނެވޭ އެންމެހާ ބަދަލުތަކާގުޅޭ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ކުރިން ކަސްޓަމަރުންނާ ހިއްސާކުރުމަށްވެސް ބޭންކުތަކަށް އަންގާފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.