ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ހަމަޖައްސައިފި އެވެ.

އާތިފު އެ މަގާމަށް ހަމަޖެއްސީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ސުހައިލް އަހުމަދު މިދިޔަ މަހުގެ 25 ވަނަ ދުވަހު ރިޓަޔާކުރެއްވުމުންނެވެ.

ސުހައިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އާތިފު ހަމަޖެއްސެވީ ވެސް މި ސަރުކާރުންނެވެ.

އާތިފް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހު އެވެ. އާތިފްއަކީ މެލޭޝިޔާގެ ހާޓްފޯޑްޝިއާ ޔުނިވާސިޓީން އެކައުންޓިންއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އާތިފްއަކީ މި ދާއިރާގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް ވެސް މެ އެވެ.

އާތިފް މީގެ ކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ޕްރައިވެޓް ސެކްޓާގައި ޓެކްސް އޭޖެންޓްއެއްގެ ގޮތުގައި ވެސް އާތިފް ވަނީ މަސައްކަތް ކުރައްވާފަ އެވެ.