ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވޯޓާ ތީމް ޕާކެއް ހެދުމަށް ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލޭޝާއާއެކު ހެދި އެއްބަސްވުން އުވާލައި ބިން ހަވާލު ކުރުމަށް އެޗްޑީސީން އަންގައިފި އެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްގީކުރުމަށް ވޯޓާ ފްރަންޓް ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން އެޗްޑީސީން ވަނީ ފާޅުކޮށްފަ އެވެ. އަދި އެޗްޑީސީން އެކުންފުންޏާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ވެސް މަސައްކަތް ކުރިއަށް ނުގޮސް އޮވެ، އެންމެ ފަހުން އެކުންފުންޏާ މިމަޝްރޫއު ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް އެޗްޑީސީގެ އެތެރޭގެ އޮޑިޓަކުން ފާހަގަކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އެޗްޑީސީން އެ މައްސަލަ އޭސީސީއަށް ވެސް ހުށަހެޅި އެވެ.

ވޯޓާ ތީމް ޕާކްގެ އެއްބަސްވުން އުވާލިއިރު، އެ އެއްބަސްވުމާ މެދު ދެ ކުންފުނީގެ ދެމެދުގައި ވަރަށް ބޮޑު އަރާރުމެއް އުފެދި މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މިމައްސަލަ ކުރިއަށް ދަނިކޮށް އެޗްޑީސީން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެއްބަސްވުން ބާތިލްކޮށް ބިން 30 ދުވަހުގެ ތެރޭގައި އަނބުރާ އެޗްޑީސީއާ ހަވާލުކުރުމަށް އަންގާފަ އެވެ.

މިކަމާ ގުޅިގެން ވޯޓާ ފްރަންޓް ކުންފުނިން ވަނީ އެޗްޑީސީގެ އެންގުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހާޅަފަ އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މިމަސައްލައިގައި އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމާއި ގުޅޭ މައްސަލަ ހައްލުކުރުމުގެ ކަންކަން ކޯޓު މަރުހަލާގައި އޮތްއިރު އެއްބަސްވުން އުވާލުމުން، އެކުންފުންޏަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށާއި، އެކުންފުނިން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިމެންދެން އެޗްޑީސީގެ ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދޭ ކަމަށެވެ.

މިކަމުގައި އެޗްޑީސީން ޖަވާބުދާރިވަމުން ބުނެފައިވަނީ އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ، ހުރިހާ އިޖްރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށާއި، ވޯޓާ ފްރަންޓް ކުންފުނިން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބުނި ނަމަވެސް ލިބިދާނެ ގެއްލުން ސާފުކޮށް ނުދޭ ކަމަށެވެ.

އެ މައްސަލައިގެ ހުކުމުގައި ސިވިލް ކޯޓުން ވަނީ އެޗްޑީސީގެ ކޮޅަށް ބުރަވެފަ އެވެ. އަދި މިއީ އަގުކުރެވިގެން ކުރިއަށް ގެންދެވޭ މަޝްރޫއަކަށް ވުމުން އިޔާދަ ނުކުރެވޭ ފަދަ ގެއްލުމެއް އޮތް ކަމަށް ވޯޓާ ފްރަންޓަށް ބުނެދެވިފައިވާ ނުވާ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.

ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ ތީމް ޕާކް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް ބައެއް އިމާރާތްތަކަށް ބޭނުންވާ ސްޓްރަކްޗަރަލް މަސައްކަތް ފިޔަވާ އިތުރު މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެ އެވެ. އަދި މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މިއީ ހުޅުމާލޭ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.