ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޭޓާ ރޯލްއޯވާ ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ޑޭޓާ ރޯލްއޯވާ ތައާރަފުކުރުމާއެކު، އޯގަސްޓު މަސް ނިމުނުއިރު ހުރިހާ ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ކޯ ޑޭޓާ އެލަވަންސެއް ސެޕްޓެމްބަރު މަހުގެ އެލަވަންސްއާއެކު ހިމަނާފައިވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއެކު ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މި ރޯލް އޯވާ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. އަދި މިއީ ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށް އިތުރު ހަރަދަކާނުލައި އިތުރު ޑޭޓާ ބޭނުންކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މި ޚިދުމަތް ތައާރުފުކުރީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަންއެއް ކުރިއަށްދާ ވަގުތެއްގަ އެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އެގޮތުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ލިބެ އެވެ.

މި ދަތުރުގައި ހިލޭ ދެކޮޅު ޓިކެޓް އަދި އެކޮމޮޑޭޝަންގެ އިތުރުން ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއް ވެސް މި ޕެކޭޖްގައި ހިމެނެ އެވެ. އަދި މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއް ވެސް ނަސީބުވެރި ފަރާތަކަށް ލިބެ އެވެ.

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 30ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓްއެއް ބަހައްޓާކަށް ނުޖެހޭނެ އެވެ.

މިއީ ދިރާގުން ދޭ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރު ކުރުމުގެ ފުރުސަތު ލިބެ އެވެ.