އެމްޕީއެލުން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި 18 މީހަކަށް އެކުންފުނިން ދާއިމީ ވަޒީފާ ހަމަޖައްސައިދީފި އެވެ.

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހަތް ދާއިރާއަކުން 45 ޖާގައަށް މިދިޔަ މާޗު މަހު ހުޅުވާލުމުން 20 ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ޒުވާނުން ތަމްރީނުކުރި ދާއިރާތަކަކީ ކާޕެންޓްރީ، ހެވީ ވެހިކަލް، ވެލްޑިން، ޓަގް ބޯޓު އޮޕަރޭޝަން، ހެލްތު އެންޑް ސޭފްޓީ، އެޑްމިނިސްޓްރޭޝަން އަދި އިންޖިނިއަރިން އެވެ.

އޭގެ ތެރެއިން 18 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައި ވާއިރު، އެ ހުރިހާ އެންމެންނަށް ވެސް އިއްޔެ ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ސެޓްފިކް ހަވާލުކޮށް ދެއްވީ ގައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

https://www.facebook.com/portsmv/posts/401735978808302

އެމްޕީއެލް އިން ކުރިއަށް ގެންދިޔަ އެޕްރެންޓިސް ޕްރޮގްރާމަކީ 2020 ގައި ސަރުކާރުން ފެށި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ބައެކެވެ. އޭގައި ސަރުކާރާއި އިދާރާތަކާއި ކުންފުނިތަކުން ބައިވެރިވެ އެވެ.

ސަރުކާރުގެ އަމާޒަކީ އެ ޕްރޮގްރާމްގެ ތެރެއިން ކޮންމެ އަހަރަކު ވެސް 3،000 ޒުވާނުން ތަމްރީނު ކުރުމެވެ. 2020 ފެށިގެން މިހާތަނަށް އެމްޕީއެލްގެ އެޕްރެންޓިސްގެ ތެރެއިން 100 ޒުވާނުން ތަމްރީނުކޮށްފައިވެ އެވެ.