ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މި މަހުގެ ފަސް ވަނަ ދުވަހު ރެކޯޑު މިންވަރަށް ޓްރެފިކް މޫވްމެންޓް މަތި ވެއްޖެ އެވެ.

މިއީ ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން ވީއައިއޭގެ އެއާ ޓްރެފިކް މިހާ އިތުރުވި ފުރަތަމަ ދުވަހެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހަކީ ބޯޑަރު ހުޅުވި ފަހުން އެއް ދުވަހެއްގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް އެންމެ މަތިވި ދުވަހެވެ. އެ ދުވަހު އެކަނި ވީއައިއޭގައި 352 އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑް ކުރެވިފައިވެ އެވެ.

ބޯޑަރު ހުޅުވި ފަހުން މި މަހުގެ ފަސް ވަނަ ދުވަހަކީ ވީއައިއޭއަށް އެންމެ ގިނަ މީހުން އައި ދުވަހެވެ. އެ ދުވަހު 3،100 އަށް ވުރެ ގިނަ މީހުން އައިސްފައި ވެ އެވެ.

ވީއައިއޭގެ ޓްރެފިކް މަތި ވެގެން ދާއިރު މައި އެއާޕޯޓަށް މިހާރު ދުނިޔޭގެ މަޝްހޫރު ގިނަ ފްލައިޓް ތަކުން ވަނީ އަލުން ޝެޑިއުލް ދަތުރުތައް ފަށާފަ އެވެ. މީގެ އިތުރުން ޓޫރިސްޓުން އެންމެ ގިނަ މަންޒިލްތަކުން ހާއްސަ ޝެޑިއުލް ޗާޓަރު ތަކެއް ވެސް ކުރަމުން ދެ އެވެ. މި ހަފުތާގައި އިތުރު ދެ އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފަ އެވެ.