ދައުލަތުގެ ބަޖެޓު ފޫބެއްދުމަށް މި އަހަރު ބޭރުން ދަރަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކާ ގުޅިގެން އަމީރު ވިދާޅުވީ ހޯދަން ބަޖެޓުގައި ހިމަނާފައިވާ 200 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

އިލްޔާސް ސުވާލުކުރެއްވީ ސެޕްޓެމްބަރާއި އޮކްޓޯބަރާއި ނޮވެމްބަރު އަދި ޑިސެމްބަރުގައި ދައުލަތުން ދަރަނި އަދާކުރުމަށް ހަރަދުކުރާނެ މިންވަރަކީ ކޮބައިތޯއާއި، މި އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވަށް އިތުރުވާނީ ކިހައި ފައިސާއެއްތޯއާއި އެ ފައިސާއަކީ ކިހިނެއް ލިބޭ ފައިސާއެއްތޯ އެވެ.

އަމީރު ވިދާޅުވީ އަހަރު ނިމޭއިރު މަޖިލީހުން ފާސްކުރި ބަޖެޓު ޕްލޭނާ އެއްގޮތަށް ދައުލަތުގެ ރިޒާވް ހުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ފާސްކުރި ބަޖެޓު ޕްލޭނުގައި ރިޒާވް ރަނގަޅުކުރުމަށް 200 މިލިއަން ޑޮލަރު ބޭރުގެ މާކެޓުން ހޯދަން ހިމަނާފައިވާކަން އަމީރު ފާހަގަކުރެއްވި އެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް 100 މިލިއަން ޑޮލަރު ނުވަތަ 1.5 މިލިއަން ރުފިޔާ ހޯއްދަވާފައިވާ ކަމަށާއި، އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި ޔޫރަޕްގެ މާލީ އިދާރާތަކުން އެ ފަރާތްތަކުގެ އިންޓަރެސްޓް ރޭޓްތައް ވަރަށް މައްޗަށް ޖައްސާފައިވާ ކަމަށެވެ. އަދި ތަކެތީގެ އަގުތައް ބޮޑުވުން ނުވަތަ އިންފްލޭޝަންގެ ސަބަބުން ވެސް ބޭރުގެ ފަރާތްތަކުން ދަރަންޏަށް ފައިސާ ދިނުން ފަދަ ކަންކަމުގައި ތާށިކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން ޕީއެސްއައިޕީ މަޝްރޫއުތައް ޓެންޑަރިން މަޑުޖައްސާލައިގެން މި ގެންދަނީ، ލިބޭ ވަރުން ކަންކަން ކުރަމުން. ބޮޑަށް އަޅުގަނޑުމެން މި މުސާރަ ދިނުން ފަދަ ވަރަށް އެސެންޝަލް ހަރަދުތަކަށް ބަލައިގެން މި ދަނީ ހޭދަކުރަމުން،" އަމީރު ވިދާޅުވި އެވެ.