މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދާ ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

މިކަމަށްޓަކައި ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާ ގުޅިގެން މި އަހަރުގެ ބޯހިމެނުމުގެ ހަރަކާތްތަކުގެ ޑިޖިޓަލް ކަނެކްޓިވިޓީ އާއި ބޯހިމެނުމުގެ ތަމްރީނު ދިނުމާއި މައުލޫމާތު އެއްކުރާއިރު ބޭނުންވާ ކަނެކްޓިވިޓީ ވެސް ދިރާގުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 13 އިން 25 ގެ ނިޔަލަށެވެ. އެ މުއްދަތުގައި ރާއްޖޭގެ އާބާދީގެ ހުރިހާ ރައްޔިތުންނާއި، މީހުން ދިރިއުޅޭ ގޭބީސީތަކާއި، އިގްތިސޯދީ ހަރަކާތްތައް ހިންގާ މަރުކަޒުތަކުގެ ބޯހިމެނުން ކުރިއަށް ދާނެ އެވެ.

ގައުމީ، އަތޮޅު އަދި ރަށު ފެންވަރުގައި މުހިންމު މައުލޫމާތުތަކާއި އާންމު ގިނަ ހިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދޭން މަގުފަހިކޮށްދޭ މި ހަރަކާތުގައި ރާއްޖެއިން 4000 އަށްވުރެ ގިނަ އެނިއުމަރޭޓަރުންނާއި 100 އަށް ވުރެ ގިނަ ޓްރެއިނަރުން ހޮވައި މިހާރު ވަނީ ތަމްރީނުކޮށްފަ އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރާނެ މި މުހިންމު ގައުމީ ހަރަކާތް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމުގައި އެމްބީއެސް އާއި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

މި އަހަރުގެ ބޯހިމެނުން ކާމިޔާބު ހަރަކާތަކަށް ހެދުމަށާއި އޭގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިރާގުން ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެމްބީއެސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.