ޓޫރިޒަމަށް ބިންވިއްކުމަށާއި ސެކަންޑް ހޯމް ތައާރަފް ކުރުމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި ބިލު ފާސްކޮށްފައިވަނީ 57 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

މި އިސްލާޙަކީ އަންނަ އަހަރަށް ސަރުކާރުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަށް އާމްދަނީ އިތުރުކުރާ ކަންތައްތައް ހިމަނައިގެން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމަށް ހުޅުވާލުމެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށައެޅުއްވި އިސްލާހާ އެކުގަ އެވެ. މި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން ޖޮއިންޓް ވެންޗާ އުސޫލުން ކުންފުނި ހަދައިގެން ޓޫރިޒަމް ތަރައްގީކޮށްފައިވާ މަޝްރޫއުތަކުގައި، ސަރުކާރަށް ލިބިފައިވާ ހިއްސާ އަނެއް ހިއްސާދާރަށް ވިއްކާލެވޭނެ އެވެ

އިންޓަގްރޭޓަޑް ރިސޯޓު ތަރައްގީކުރަން ލައިސަންސް ދޫކުރުމުގައި އުސޫލާއި، މިހާރު ތަރައްގީކޮށްފައިވާ ސަރަހައްދެއް އިންޓަގްރޭޓަޑް ރިސޯޓު މަޝްރޫއުއަކަށް ބަދަލުކުރުމުގައި ބަލާނެ މިންގަނޑުތައް ގާނޫނުގެ ދަށުން ހެދޭ ގަވައިދުގައި ހިމެނުމަށް ވެސް އިސްލާހު ހުށައަޅާފައިވެ އެވެ. އަދި ސްޓްރާޓާ އުސޫލުން ދޫކުރާ ވިލާތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ދަފްތަރު ބަލަހައްޓާނެ ގޮތާއި، އެއްބަސްވުމުގައި ހިމަނަންޖެހޭ މާއްދާތަކާއި، ވިލާއެއްގައި ހިމެނޭ އަސާސީ ހިދުމަތްތަކުގެ ތަފްސީލު ގާނޫނުގެ ދަށުން ހެދޭ ގަވައިދުގައި ހިމެނުން ލާޒިމުކުރުމަށް ވެސް އިސްލާޙު ހުށައަޅާފައިވެ އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކުން ލިބޭ އާމްދަނީއިން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ތިރިކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ބިލު ދިރާސާ ކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއެކު މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވީ، އިގުތިސޯދީ ނަޒަރަކުން ބަލާއިރު މި ބިލާއެކު ޓޫރިޒަމް ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިހާރު އޮތް ގަވައިދެއްގެ ދަށުން، ބައެއް ރިސޯޓުތަކުން މިހާރު ވެސް ދިގު މުއްދަތަށް ޕްރައިވެޓް ވިލާތައް ކުއްޔަށް ދޫކޮށްފައިވާކަން ފާހަގަ ކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ގާނޫނަކުން މިކަމަށް ބާރު ދިނުމުން، އިންވެސްޓަރުންނަށް އޮންނަ އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވަނީ ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރަން ދޫކުރަނީ މިހާރު އުފެދިފައިވާ ރަށްތައް ނޫން ކަމަށާއި، އެކަމަށް ކުއްޔަށް ދޫކުރާނީ ފަޅުގެ ސަރަހައްދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.