ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކުމަށް އިއުލާނު ކޮށްފައިވާ 74 ބިމަށް ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިދިޔަ މަހުގެ 18ގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިފަހަރު ވިއްކުމަށް ހުޅުވާލީ ބީޗް ފްރަންޓްގެ 22 ގޯއްޗާއި ބީޗް ސައިޑްގެ 52 ގޯއްޗެވެ. މިގޮތުން ބީލަން ފަށަނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް" އަކަފޫޓަކަށް 6،500ރ. އަދި އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" އިން އަކަފޫޓަކަށް 5،500ރ. އެވެ. އެއީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ޖުމްލަ 74 ބިމެކެވެ.

އެޗްޑީސީން ބުނީ ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހައްޓަންޖެހޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ އެ ބިންތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފޯމު ވިއްކާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 3 އަދި 4 ވަނަ ދުވަހުކަމަށް އެޗްޑީސީން ބުނެ އެވެ. ކުރިން އޮތީ ބީލަން ފޯމު ހުށަހެޅުން މި މަހުގެ 11 އަދި 12 ވަނަ ދުވަހަށެވެ.

އެޗްޑީސީން ވަނީ މި އަހަރުގެ ކުރީކޮޅު ވެސް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 60 ބިން ވިއްކާފަ އެވެ. އެ ފަހަރު ބައެއް ބިންތަކަށް އަކަފޫޓަކަށް 10،000ރ.އަށް ވުރެ ބޮޑު އަގެއް ވެސް ހުށަހެޅި އެވެ.

ފުރަތަމަ ވިއްކި ބިމަށް ވުރެން މިފަހަރު ވިއްކަން އިއުލާނުކޮށްފައިވާ ބިމުގެ އަގު ވަނީ ބޮޑު ކޮށްފަ އެވެ.

ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތަތައް:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  • މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ފަރާތަކަށްނުވުން.
  • މާލެ ސަރަހައްދުން ބިމެއް/ގޯއްޗެއް އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކެއްގެ ނަންމައްޗަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ، 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށްނުވުން.
  • އެ ކޯޕަރޭޝަން މެދުވެރިކޮށް ބީލަމުގެ އުސޫލުން ހުޅުމާލެ ފުރަތަމަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން. މި ހާލަތުގައި، މައިންބަފައިންގެ ފަރަތުންނާއި އެހެނިހެން ގޮތްގޮތުން ވާރުތަވާން ހުރި ބިންތަކެއް ނުހިމެނޭނެ.

ގޯތި ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:

  • ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ، ޖުމްލަ 74 ޕްލޮޓް.
  • ވިއްކުމަށް ހަމަޖެހިފައިވާ ބިންތަށް ހިމެނެނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް" 22 ޕްލޮޓް އަދި އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" 52 ޕްލޮޓް.
  • ކޮންމެ ފަރާތަކަށް ވެސް ގަނެވޭނީ 1 (ޕްލޮޓު.