ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން މާލޭގައި އެމްޓީސީސީން ފަށާފައިވާ މިނީ ބަހުގެ ހިދުމަތް ބޭނުންކުރާ އާންމުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ފެށި މާލޭގައި މިނީ ބަހުގެ ހިދުމަތުގެ ފެށި ފަހުން މިނީ ބަހުގެ ހިދުމަތްތައް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މިނީ ބަހުގެ ތަފާސް ހިސާބުތަކާއެކު އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނީ ބަހުގެ ހިދުމަތަށް މާލޭން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހު މިނީ ބަހުގެ ހިދުމަތް ހޯދި މީހުންގެ އަދަދަށް ވުރެން ދެ ވަނަ ދުވަހު އިތުރުވެފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

ބަހުގެ ހިދުމަތް ފުރަތަމަ ދުވަހު 2،257 މީހަކު ހޯދި އިރު، ދެވަނަ ދުވަހު 3،255 މީހަކު ހޯދި އެވެ.

ބަހިގެ ހިދުމަތަށް ތިން ރޫޓެއްގައި މުޅި މާލެ ކަވަރު ކުރެވޭ ގޮތަށް މާލޭގެ މައި ހަތަރު މަގެއްގައި 42 ބަސް ސްޓޮޕް އެވެ. އަދި ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހަކު ފަތިހު 05:45 އިން ރޭގަނޑު 12:15 އާ އަށެވެ. މިނީ ބަހުގެ ޚިދުތާ ބެހޭ ގޮތުން ގިނަ މީހުން ބުނެފައި ވަނީ މިއީ މިފަދަ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް މާލޭގައި ކޮންމެހެން ވެސް އޮންނަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އެމްޓީސީސީން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ފަށާފައިވާ ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތްވެސް އިތުރަށް ހަރުދަނާކޮށް މުޅި ރާއްޖެ އެކީއެކަށް ގުޅާލުމެވެ.

ބަހުގެ ހިދުމަތް ހޯމަ ދުވަހު މާލޭގައި ފެށި އިރު، ދެ ހަފުތާ ވަންދެން މުޅިން ހިލޭ ދަތުރުކުރެވޭނެ އެވެ. އޭގެ ފަހުން ބަސް ދަތުރަކަށް ނަގާނީ 7ރ. އެވެ. އެކަމަކު ސްކޫލް ދަރިވަރުންނާއި ތިން އަހަރުގެ ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންގެ އިތުރުން ހާއްސަ އެހީ އަޑް ބޭނުންވާ މީހުންނަށް އަބަދު ވެސް ހިލޭ ހިދުމަތް ހޯދޭނެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ ކުރިން މިދިޔަ މަހު މި ހިދުމަތް އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ފަށާފައިވެ އެވެ.