އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯއިން ރާއްޖެ އާއި އިންޑިއާގެ އިތުރު ދެ ސިޓީއަކާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

އިންޑިގޯއިން ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ޗެންނާއީއާއި ހައިދަރުއާބާދުންނެވެ.

އިންޑިގޯއިން ބުނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޗެންނާއީ އާއި ހައިދަރުއާބާދުން ރާއްޖެއަށް ޝެޑިއުލް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޗެންނާއީން މާލެއަށް ދަތުރުކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. ހައިދަރުއާބާދުން ރާއްޖެއަށް ދަތުރު ކުރާނީ ހޯމަ، ބުދަ، ހުކުރު އަދި އާދިއްތަ ދުވަހު އެވެ.

ކޮވިޑް-19 އަށްފަހު އިންޑިގޯގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އިންޑިގޯއިން މިހާރު ދަނީ ބެންގަލޫރާއި މުންބާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފުރަތަމަ ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އިންޑިއާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އަދި އިންޑިއާއަކީ ދިވެހިން ބޭސްފަރުވާއަށާއި، ޗުއްޓީއަށް އަދި އެނޫންވެސް ބޭނުންތަކަށް ދިވެހިން ވަރަށް ގިނައިންދާ ގައުމެކެވެ. މިދަތުރުތަކުގެ ސަބަބުން ދިވެހިންނަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.