ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން މާލޭގައި އެމްޓީސީސީން ފަށާފައިވާ މިނީ ބަހުގެ އިއްޔެ އެކަނި ވެސް 8،000 އަށް ވުރެ ގިނަ މީހުން ބޭނުންކޮށްފި އެވެ.

އެމްޓިސީސީން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ހޯމަދުވަހު އެވެ. ހިދުމަތް ފެށި ފުރަތަމަ ދުވަހު ވެސް ދެހާހަށް ވުރެ ގިނަ މީހުން ވަނީ ހިދުމަތް ހޯދާފަ އެވެ.

އެމްޓީސީސީން ބުނީ އިއްޔެ ވެސް ގިނަ އަދަދެއްގެ ބަޔަކު މިނީ ބަސް ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން އޯކިޑް ރޫޓުން 3،094 މީހުން، އަމީނީ ރޫޓް 2،416 މީހުން އަދި ސޯސަން ރޫޓުން 2،514 މީހުން ވަނީ މިނީ ބަސް ބޭނުންކޮށްފަ އެވެ. އެހެންކަމުން ޖުމްލަ 8،024 މީހަކު ވަނީ މިނީ ބަހުގައި ދަތުރުކޮށްފަ އެވެ.

މިނީ ބަހަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ސަރުކާރުން ބުނީ ބަސް ރޫޓަށް ދަތިވާގޮތަށް ނުގަވާއިދުން ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯކޮށް ސްޓިކާ ޖެހުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތުގެ ތަޖުރިބާއަށްފަހު ފުލުހުން ބުނީ އެންމެ ބޮޑަށް ފާހަގަވީ ޕާކުކުރުން މަނާ މަގުތަކުގައި ޕާކުކުރަމުންދާ މައްސަލަ ކަމަށެވެ. މީގެ އިތުރުން އެއްވެސް ރައްކާތެރިކަމެއް ނެތި ބައެއް އުޅަނދުތައް ބަހުގެ ކުރިމަތިން އޯވާ ޓޭކް ކުރަމުންދާ މައްސަލަ ވެސް ފާހަގަވެފައިވާ ކަމަށް ފުލުުހުން ބުނެފައިވެ އެވެ.