ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ލޭބާ އެކޮމޮޑޭޝަން ފެސިލިޓީ ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ ބިދޭސީންނަށް ހާއްސަކޮށް ހަދާފައިވާ އެކޮމޮޑޭޝަން ފެސިލިޓީއަކީ ޖާގައިގެ ގޮތުން ތަނަވަސް، އެއްފަހަރާ 1500 މީހުންނަށް ތިބެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ.

މިއީ ވިޔަފާރީގެ އުސޫލުން ހިންގަން އާރުޑީސީން ހެދި ތަނެކެވެ.

އާރުޑީސީން ބުނީ އެ ފެސިލިޓިގައި ދެ އިރުގެ ކެއުމާއި ތިން އިރުގެ ކެއުން ހިމެނޭ ދެ ޕެކޭޖެއް ހިމެނޭ ކަމަށެވެ. އަދި އެކޮމޮޑޭޝަން ފެސިލިޓީގައި ކެއުމަށް ވަކިން ހާއްސަކޮށް މެސްރޫމް އަކާއި އެއްޗެހި ދޮވެވޭ ގޮތަށް ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ތަނުގެ ސެކިއުރިޓީ 24 ގަޑިއިރު ދާނީ ބެލެހެއްޓެމުންނެވެ.

ހުޅުމާލޭގައި އާރުޑީސީން ހެދި ލޭބާ އެކޮމޮޑޭޝަން ފެސިލިޓީ: މިތަނުގައި އެއްފަހަރާ 1،500 މީހުންނަށް ތިބެވޭނެ. ފޮޓޯ: އާރުޑީސީ

އާރުޑީސީއިން ބުނީ އެ އެކޮމޮޑޭޝަން ފެސިލިޓީ ހެދުމުގެ ބޭނުމަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މެދުގައި ޖެހޭ އިޖުތިމާއީ މައްސަލަތަކާއި ސިއްހީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން މިފެސިލިޓީގެ ސަބަބުން ބިދޭސީންގެ މިމައްސަލަތަކަށް ހައްލުލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުޑީސީން ބުނީ މީގެ އިތުރުން ކުރިއަށް އޮތްތަނުގައި އެ މަސައްކަތް އިތުރަށް ފުޅާކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފެސިލިޓީ އިތުރަށް ތަރައްގީކޮށް އެކި ފަންތީގެ އެކޮމޮޑޭޝަން ކުރިއަށް އޮތް ތަނުގައި މާކެޓަށް ހުޅުވާލުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި އާރުޑީސީން ހެދި ލޭބާ އެކޮމޮޑޭޝަން ފެސިލިޓީ: މިތަނުގައި އެއްފަހަރާ 1،500 މީހުންނަށް ތިބެވޭނެ. ފޮޓޯ: އާރުޑީސީ

އާރުޑީސީން ބުނީ މިވަގުތު ވެސް އެ އެކޮމޮޑޭޝަން ފެސިލިޓީގައި ބިދޭސީން ބަލަހައްޓަމުން އަންނަ ކަމަށެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ހިންގަމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމުގެ ދަށުން ޓްރާންސިޓް ފެސިލިޓިއެއްގެ ގޮތުގައި އާރުޑީސީގެ އެކޮމޮޑެޝަން ފެސިލިޓީ މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.