ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެކަން ފާހަގަކުރުމުގެ ގޮތުން މިރޭ ހަފްލާއެއް ބާއްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބޭއްވި އެ ޚާއްސަ ހަފްލާގައި އެ ބޭންކަށް 15 ،20 ،25 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ 33 މުވައްޒަފަކަށް ވަނީ އެވޯޑް ހަވާލުކޮށްދީފަ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ އެވޯޑު ދިންއިރު، 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުހައްމަދު އަހުމަދު، ހެޑް އޮފް ޕްރޮކިއުމަންޓް އަދި ހަސަން ޝާމް، ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އަށް ވަނީ ޚާއްސަ އެވޯޑެއް ދީފަ އެވެ. މީގެ އިތުރުން ބޭންކަށް 25 އަހަރު ޚިދުމަތްކޮށްދީފައިވާ އަބްދުﷲ ސައީދު (ސީނިއާ ޕެރަލީގަލް) އަދި ހާނިމާ ނަސީމް (ގަމު ބްރާންޗް .މެނޭޖަރު) އަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވަނީ ފައިތުވި ދިގު މުއްދަތުގައި އެހާމެ ހީވާގި ކަމާއެކު ބުރަ މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފަ އެވެ.

"މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފާއިތުވި 35 އަހަރުގައި ބޭންކުގައި އެހާމެ މުހިންމު ދައުރެއް އަދާ ކޮށްދެއްވާފައިވާ މުޙައްމަދު އަދި ޝާމް އަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.