ރާއްޖެ ދެކުނު އޭޝިއާ ސަރަހައްދުގައި ފައިނޭންޝަލް އިންކްލޫޝަން ނުވަތަ މާލީ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) އިން އިސްނަގައިގެން އުފެއްދި ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނީޝިއޭޓިވް (ސާފީ) އިފްތިތާހު ކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޗެއާކުރާ މި އިނީޝިއޭޓިވް އިފްތިތާހު ކުރީ ޖޯޑަންގައި ކުރިއަށްދާ އަފީގެ ގްލޯބަލް ޕޮލިސީ ފޯރަމްގަ އެވެ.

އަފީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާލީ ބައިވެރިވުން އިތުރުކޮށް މާލީ ބައިވެރިވުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތަށް އެކުލަވާލުމަށް ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ މެންބަރު ނެޓްވޯކެވެ. މިގޮތުން ދުނިޔޭގެ ވަކި ވަކި ސަރަހައްދުތަކުގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަފީއިން ވަނީ ރީޖަނަލް އިނީޝިއޭޓިވްސްތަކެއް އިފްތިތާހު ކޮށްފަ އެވެ.

މިގޮތުން ސާފީއަކީ ދެކުނު އޭޝިއާ ސަރަހައްދަށް އަފީއިން އިސްނަގައިގެން އުފެއްދި އިނީޝިއޭޓިވްއެކެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ސާފީގެ މައިގަނޑު މަގުސަދަކަށް ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ސަރަހައްދީ އެއްބާރުލުން އިތުރުކޮށް މި ސަރަހައްދުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމެވެ. މިގޮތުން ސަރަހައްދީ ގައުމުތަކުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުތައް ދެނެގަނެ މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަކީ ސާފީގެ އުފެއްދުމުގެ މުހިންމު މަގްސަދެކެވެ.

ސާފީ އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ސާފީގެ ފުރަތަމަ ދައުރުގެ ޗެއަރގެ ހައިސިއްޔަތުން ދެކުނު އޭޝިއާ ސަރަހައްދުގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ކުރައްވާނެ މަސައްކަތްތަކަށް އަލި އަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މާލީ ބައިވެރިމުވާ ގުޅޭ ލަނޑުދަނޑިތައް ހާސިލްރުމަށާއި އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލުމުގައި ސަރަހައްދީ ގައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ސާފީ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި އަފީގެ މެނޭޖްމަންޓްއާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންނާއި އަފީ މެންބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވި އެވެ.