މި ނިމުނު އޮގަސްޓްމަހުގެ ތެރޭގައި ސަރުކާރުން 700 މިލިއަން ރުފިޔާ ޗާޕުކޮށްފި އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން 31 ޖުލައި 2022 ގެ ނިޔަލަށް މި ސަރުކާރަށް ލޯނުގެ ގޮތުގައި މަރުކަޒީ ބޭންކުން ދީފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. އޯގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 3.2 ބިލިއަނަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރު ތެރޭގައި 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށެވެ. އަދި އެ ފައިސާ އަނބުރާ ދައްކަންޖެހޭނީ 0.1 ގެ އިންޓަރެސްޓު ރޭޓުގަ އެވެ.

ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާ އޯވަޑްރޯ ކުރަމުންދަނީ ދައުލަތުގެ ހަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން 1 އަހަރު ދުވަހަށް ފަސް ކުރުމަށް ފަހުގަ އެވެ.

މިގޮތަށް އެންމެ ފުރަތަމަ ޤާނޫނު ސަސްޕެންޑުކުރީ 2020 ވަނަ އަހަރު ތެރޭގައެވެ. އެފަހުން އަނެއްކާ 2022 ގައިވެސް އެ ހުއްދަ ވަނީ 1 އަހަރަށް އިތުރުކޮށްފައެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ޗާޕުކުރި ފައިސާ 50 އަހަރު ތެރޭގައި އަނބުރާ ދައްކާ ބޮންޑަކަށް ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ.

ފައިސާ ޗާޕުކުރަން ހުއްދަ ދިން ގަރާރު ބާތިލް ކުރަން އިދިކޮޅުން ގަރާރެއްވެސް ހުށައެޅި އެވެ. ނަމަވެސް އެ ގަރާރު އެމްޑީޕީގެ މެޖޯރިޓީ މަޖިލިސްއިން ވަނީ ބޭރު ކޮށްލާފަ އެވެ.