ކައުންސިލްތަކުން ވިޔަފާރިތައް ކުރަންވާނީ ރަށުގެ އިގްތިސާދު ކުރިއަރުވާ އެހެން ވިޔަފާރިތަކަށް ފުރުސަތުތައް ފަހިވާނެ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތައް ކަނޑައަޅައި "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވާއިދު"އަށް އިސްލާހު ގެނެސް މިއަހަރުގެ މެއިމަހުގެ 18ގައި ގެޒެޓްކޮށްފަ އެވެ. މިއާއެކު ކައުންސިލްތަކަށްވަނީ ވިޔަފާރި ކުރުމަށް ކުންފުނިތައް އުފެއްދުމުގެ ފުރުސަތު ފަހިވެފަ އެވެ.

ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކުން ވިޔަފާރިކުރުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ވިޔަފާރި ކުރުމުގެ ފުރުސަތުދީފައިވަނީ އެރަށެއްގެ ނުވަތަ އެ އަތޮޅެއްގެ އިޤްތިސާދުތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

"ކައުންސިލްތަކުން ވިޔަފާރިކުރަން ކުންފުނި ހެދުމުގެ ގަވާއިދުގެ ދަށުން، މިލިބޭ ހައްގުގެ މާނައަކީ، ބޮޑު ވިޔަފާރި ކުންފުންޏެއް ގޮތަށް ކައުންސިލުން ވިޔަފާރި ކުރަން އުޅުމެއް ނޫން. އެންމެ މުއްސަދި ކައުންސިލަކަށްވާކަށް ފައިސާ ހޯދާކަށްވެސް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ކައުންސިލްތަކުން ވިޔަފާރިތައް ކުރުމުގައި އެރަށެއްގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ ވިޔަފާރިތަކަށް ކައުންސިލްތަކުން ވަނުން ރަނގަޅު ނޫން ކަމަށެވެ. ކައުންސިލްތައް ވާންވީ މަގުދައްކާ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާއްމު ވިޔަފާރިތައް ރަނގަޅަށް ކުރަމުންދާ ވިޔަފާރިތަކަށް ކައުންސިލްތަކުން ނުވަންނާށޭ، ވިޔަފާރިތަކަށް މަގުފަހިކޮށްދީ، ވިޔަފާރިތަކަށް އެންކަރޭޖްކޮށްދިނުމަށް ފުރަތަމަ ފިޔަވަޅު އަޅާ ބަޔަކަށް ކައުންސިލްތަށް ވާންވީ،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ ވިޔަފާރިތަކެއްގެ ތެރެއަށް ކައުންސިލްތަކުން ވަނުމަކީ އަމިއްލަ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށެވެ.