ދިރާގު ޓީވީއިން ގެނެސްދޭ ޓޯކް ޝޯ ސީރީޒް "އަޒޯނާ" ގެ އައު ސީޒަންއެއް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ގައި އަބްދުالله މުއާޒް ޕްރޮޑަކްޝަންސް އިން ޕްރިމިއާ ކުރަން ނިންމައިފި އެވެ.

މި އައު ސީޒަން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15، 2022 ގަ އެވެ.

އަޒޯނާ ޝޯގެ ޕްރޮޑިއުސަރު މުއާޒް (މުއާ) ވިދާޅުވިގޮތުގައި މިފަހަރުގެ ސީޒަން ކުރީގެ ސީޒަންތަކާ ތަފާތުވާނެ އެވެ. އަދި ކުރިއަށް ވުރެ ރަނގަޅު ކޮންޓެންޓް ބެލުންތެރިންނަށް ގެނެސްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވެސް މުއާ ފާހަގަކުރި އެވެ.

"ކާމިޔާބު ތިންވަނަ ސީޒަނަކަށް ފަހު އަޒޯނާ ޝޯގެ އައު ސީޒަން ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ވީއޯޑީ މެދުވެރިކޮށް ކަސްޓަމަރުންނަށް ގެނެސްދެވުމަކީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުން ބަލައިގަންނަ އިތުރު ޕްރޮގްރާމްތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުން،" ދިރާގުގެ ދިރާގު ޓީވީ ޕްރޮޑަކްޓް މެނޭޖަރު ހައްސާން ހުސްނީ ވިދާޅުވި އެވެ.

ދިރާގު ޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ޕްރިމިއަމް އިންޓަނޭޝަނަލް އަދި ލޯކަލް ކޮންޓެންޓް ހިމެނޭ ވީއޯޑީ ފީޗާރ ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ވީއޯޑީއަކީ ކަސްޓަމަރުން މީޑިއާ ބޭނުންކުރާ ގޮތާއި ބަލާ ގޮތް މުޅިން ބަދަލުކޮށްލާފައިވާ އީޖާދީ ފީޗާއެކެވެ.

މި ފީޗާ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާއެކު ދިރާގުޓީވީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ގިނަ އޮޕްޝަންތަކެއް ލިބޭނެ އެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 85 ޕަސެންޓް ޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން، ދިރާގު ޓީވީއަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗާ ހިމެނޭ ހަމައެކަނި ޚިދުމަތް ވެސް މެ އެވެ.

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑްއަކީ މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލެވުމުގެ ފުރުޞަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތައް މަގު ފަހިކޮށްދެމުންދާނެ އެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.