މަކަރުހަދައި އޮޅުވާލުމާއި މަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށް މަސައްކަތްތައް ނިންމާފައިނުވާތީ 11 ކުންފުންޏެއް ސަރުކާރުން ސަސްޕެންޑުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިމަހުގެ 12 ވަނަ ދުވަހު އާންމުކޮށްފައިވާ ލިސްޓެއްގައިވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކެއް ސަސްޕެންޑުކޮށްފައިވަނީ އެއް އަހަރަށެވެ. އަނެއް ބައި ކުންފުނިތައް ތިން މަސް ނުވަތަ ހަ މަހަށް ވެސް ސަސްޕެންޑް ކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ސަސްޕެންޑްކޮށްފައިވާ ކުންފުނިތައް:

  1. ގުޑް ވޯކްސް މޯލްޑިވްސް - މެރިން ރިސާޗު ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުކުރުން
  2. މާރިސް - ނ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް ނުކުރެވުން
  3. ވޯޓާޕާކް މޯލްޑިވްސް - ރ. އުނގޫފާރާއި ވ. ކޮޔޮދޫ ސްކޫލުގައި މަލްޓި ޕާޕޯސް ހޯލެއް އެޅުމުގެ މަސައްކަތް ނުކުރެވުން
  4. ވިންކް މޯލްޑިވްސް - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލާފައި ވުން
  5. ޓޮމީ އިންޖިނިއަރިން - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލާފައި ވުން
  6. ޓީއެންޑީބީ އިންޖިނިއަރިން - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލާފައިވުން
  7. އެސްބްރޯ މޯލްޑިވްސް - ވ. ރަކީދޫ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތް ނުނިންމުމާއި ލ. ގަން މުގުރިމަގު ސްކޫލް އޮފީސް އިމާރާތް ނުނިންމުން
  8. ކޭއެސްއޭ މޯލްޑިވްސް - ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފުކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
  9. އެސްޓޮނިސް ކްލީނިން ކޮމްޕެނީ - ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފުކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
  10. މޫވް އެކްސް - ށ. މިލަންދޫ ކައުންސިލަށް ކުނި ނަގާ ޓްރެކްތައް ހޯދައިނުދެވުން
  11. އެލްއެފް ކޮންސްޓްރަކްޝަން - ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ނުނިންމުން

ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑުކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު ވެސް އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުން ހިމެނެ އެވެ. އެހެން ފަރާތްތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި ވާދަވެރި ބީލަމެއް ކަމުގައި ދެއްކުމަށް އެކި ނަން ނަމުގައި ބީލަން ހުށަހެޅުން ވެސް ހިމެނެ އެވެ.

އެ މިނިސްޓްރީން ބުނީ އެ ކުންފުނިތައް ސަސްޕެންޑުކޮށްފައިވާ މުއްދަތު އުވެންދެން އެ ކުންފުނިތަކަށް ސަރުކާރުން ކުރިއަށްގެންދާ ބީލަމެއްގައި ބައިވެރި ނުވެވޭނެ ކަމަށާއި އެ ކުންފުނިތަކާ އެއްވެސް މަޝްރޫއެއް ހަވާލު ނުކުރެވޭނެ ކަމަށެވެ.