މިމަހު ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށް އިއުލާންކުރާނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ)އިން ބުނެފި އެވެ.

މީރާއިން ބުނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ނަންތައް މިމަހު އާންމުކުރާނެ ކަމަށެވެ.

ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އަހަރުގެ އެކި މަސް މަހުގައި ހާމަކުރަމުން ދާނެކަމަށް މީރާއިން ބުނެ އެވެ. އެގޮތުން 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާވާ ފަރާތްތަކުގެ ނަންތައް އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެކަމަށްވެސް މީރާއިން ބުންޏެވެ.

ދައުލަތައް ދައްކަންޖެހި ނުދައްކާވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައެޅިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ. އެހެންކަމުން މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށައެޅުމަށާއި، ޓެކްސް ނުދައްކާވާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް ނުވަތަ އެ އޮތޯރިޓީއާއިއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.